މާލޭގެ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ 3 ވަނަ ސެގްމެންޓްގެ ތާރުގަނޑު ނަގާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މި 3 ވަނަ ސެގްމެންޓްގައި ޖުމްލަ 1،924.77 އަކަ މީޓަރުގެ ސަރަހައްދެއް ހިމެނެއެވެ. މި ސަރަހައްދުގެ ބާވެފައިވާ ތާރުގަނޑު ނަގުމަށްފަހު، އަލަށް އެގްރިގޭޓް ބޭސް ކޯސް އަޅައި، އަލުން ތާރުއަޅައިގެން މަގު ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މި މަސައްކަތް ފަށާފައިވަނީ މީގެ ކުރިން މަސައްކަތް ނިންމާ އާންމުކޮށް ހުޅުވާލެވުނު ފުރަތަމަ ދެ ސެގްމެންޓްގެ މަސައްކަތްތަކަށްފަހުއެވެ. އެގޮތުން ފުރަތަމަ ސެގްމެންޓުން 2،794 އަކަ މީޓަރުގެ ސަރަހައްދެއްގެ މަގުގެ ފަށަލަތައް ބަދަލުކޮށްފައިވާއިރު، ދެވަނަ ސެގްމެންޓްގެ ތާރުގަނޑު ނަގާ އަލުން ތާރުއަޅާފައިވަނީ 133.64 އަކަ މީޓަރުގެ ސަރަހައްދެއްގައެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ 4 ވަނަ ސެގްމެންޓް މަރާމާތު ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އެ ސެގްމެންޓްގައި 1،148.91 އަކަ މީޓަރުގެ ސަރަހައްދެއް ހިމެނެއެވެ.
ގިނަ އުޅަނދުފަހަރާއި ބަސް ދަތުރުކުރާ މި މަގު ހަލާކުވެ، އަޑިގުޑަންތައް ގިނަވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މި މަޝްރޫއުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.




