ތ. ތިމަރަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއަކީ 113.56 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ސެޕްޓެމްބަރު 2025 ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރުގެ 71,902 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 644 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 203.5 މީޓަރުގެ ބޭރުތޮއްޓެއްގެ އިތުރުން 543 މީޓަރުގެ ރިވެޓްމެންޓާއި 92 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 3,200 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، ފުޅާމިނުގައި 6 މީޓަރު އަދި ދިގުމިނުގައި 40 މީޓަރު ހުންނަ ބްރިޖެއް ބިނާކުރުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި ތިމަރަފުށީގައި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާއިރު، މިހާރު އޮތް ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން ދަތުރުފަތުރަށާއި މުދާ އުފުލައިބޭލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް، މި މަޝްރޫއު ނިމުމާއެކު ރަށަށް ވަދެނުކުމެ ހެދުމަށް ބޮޑު ލުޔެއް ލިބި، އުޅަނދުފަހަރަށް އިތުރު ޖާގަ ލިބިގެންދާނެއެވެ.




