ކުރީ ސަރުކާރުން ކުރިއަށްގެންދިޔުމަށް ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން 7 މަޝްރޫއެއްގެ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދާތީ އެ މަޝްރޫއުތައް އެހެން ފަރާތްތަކާ ހަވާލުކުރުމަށް އިތުރަށް 112.33 މިލިޔަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. މިކަން ހާމަކޮށްފައިވަނީ 2018 އިން 2023 އަށް ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ އޮޑިޓް ރިޕޯޓުގައެވެ. ރިޕޯޓުގައިވާ ގޮތުން އެ މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކުރަންޖެހުނީ ހަވާލުކުރެވުނު ކުންފުނިތަކަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރިއަށް ނުގެންދެވުމުންނެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުގޮސްގެން އެއްބަސްވުން ބާތިލުކުރި 7 މަޝްރޫއުގެ ތެރެއިން 6 މަޝްރޫއަކީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކެވެ. ޖުމްލަ 238.95 މިލިއަން ރުފިޔާއަށް ފެނަކައާ ހަވާލުކުރި މި މަޝްރޫއުތައް އުވާލުމާ ހަމައަށް 56.20 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ މަސައްކަތްތައް ނިންމަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 345.18 މިލިއަން ރުފިޔާއަށެވެ. މިއީ ފުރަތަމަ ހަވާލުކުރި އަގަށްވުރެ 106.23 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެއިތުރުން، 2018 ގައި ޕްރިސާރިއޯ ކޮމްޕެނީއާ 3.04 މިލިއަން ރުފިޔާއަށް ހަވާލުކުރި ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ މިސްކިތް ނުނިމިގެން އެމްޓީސީސީއާ 9.14 މިލިއަން ރުފިޔާއަށް ހަވާލުކުރުމުން، އެ މަޝްރޫއަށްވެސް އިތުރަށް 6.10 މިލިއަން ރުފިޔާ ހަރަދުވިއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުން އިތުރަށް 112.33 މިލިއަން ރުފިޔާ ހަރަދުކުރަންޖެހުނު މައިގަނޑު ސަބަބަކީ މަޝްރޫއުތައް ހަވާލުކުރުމުގެ ކުރިން އެ ފަރާތްތަކުގެ މާލީ އަދި ފަންނީ ގާބިލުކަން ކަށަވަރުކުރުމަށް ރަނގަޅު އިވެލުއޭޝަނެއް ކުރިއަށް ނުގެންދިއުމެވެ. މީގެއިތުރުން، 2019 އިން 2023 އަށް ހިންގި 634 މަޝްރޫއުގެ ތެރެއިން 161 މަޝްރޫއެއް ކަނޑައެޅިފައިވާ މުއްދަތަށް ނުނިމި، މުއްދަތު އިތުރުކުރަންޖެހުނުކަންވެސް ރިޕޯޓުގައި ފާހަގަކޮށްފަވެއެވެ.
މުއްދަތަށް ނުނިމި 3 އަދި 4 އަހަރު ވެފައިވާ މަޝްރޫއުތަކުގެ ތެރޭގައި މަނަދޫ، ހިންނަވަރު، ހަނިމާދޫ އަދި ވިލިނގިލީގެ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތާއި، ފަރެސްމާތޮޑާ އަދި މަގޫދޫ އެއާޕޯޓާ ގުޅޭ މަޝްރޫއުތަކުގެ އިތުރުން ހިތަދޫ-ކުނަހަންދޫ ކޯޒްވޭއާއި އުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. ސަރުކާރުން މަޝްރޫއުތައް މުއްދަތަށް ނިންމުމަށް އިސްކަންދޭނެކަމަށް ބުނެފައިވުމާއެކު، މިފަދަ މައްސަލަތައް ތަކުރާރުވިޔަނުދިނުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.
މި މައްސަލަތައް ހައްލުކުރުމަށްޓަކައި، މަޝްރޫއުތައް ލަސްވާ ސަބަބުތައް ދެނެގަނެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށްގެން އަވަހަށް މަސައްކަތްތައް ނިންމޭނެ ގޮތްތަކެއް ހޯދުމަށް އޮޑިޓަރ ޖެނެރަލް އިލްތިމާސްކުރެއްވިއެވެ. އަދި ހުރިހާ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ގަވާއިދުން ބަލައި، ހަރުދަނާ މޮނިޓަރިންގ ނިޒާމެއް ދައުލަތުގެ އިދާރާތަކުގައި ގާއިމުކުރުމަށްވެސް އޮޑިޓް ރިޕޯޓުގައި ލަފާދީފަވެއެވެ.




