އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ފެނާއި ނަރުދަމާގެ ހިދުމަތްތައް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް ބަދަލުކުރުމާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން ދެ ސިޓީގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތްތައް މެދުނުކެނޑި، ހަރުދަނާ އަދި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިވާނެ އެވެ.
މި އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިނެވެ.
އެމްޑަބްލިޔުއެސްސީ ބުނީ، މި ފްރޭމްވޯކް އެއްބަސްވުމަކީ ފެނާއި ނަރުދަމާގެ ހިދުމަތްތައް މެދުނުކެނޑި، އިތުބާރު ހުރި ގޮތެއްގައި ފޯރުކޮށްދިނުމަށް އިސްކަންދީގެން، ހަރުދަނާ އަދި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ހިދުމަތްތައް ބަދަލުކުރުމަށްޓަކައި އެކުލަވައިލެވުނު އެއްބަސްވުމެއް ކަމަށެވެ. މި ބަދަލުގެ ދަށުން، ކަމާގުޅޭ އޮޕަރޭޝަންތަކާއި، އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކުގެ އިތުރުން، ހިނގަމުންދާ މަޝްރޫއުތަކާއި، ކަސްޓަމަރުންގެ ރެކޯޑުތަކާއި، އެއްބަސްވުންތަކާއި، އިންވެންޓްރީ އަދި އެހެނިހެން ޒިންމާތައް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ޔަގީންކުރުމަށްފަހު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި ބަދަލުގެ މަރުހަލާގައި، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތުގެ ފެންވަރު ހިފަހައްޓައި، ލިޔެކިޔުންތަކާއެކު ތަރުތީބުކޮށް ހިދުމަތްތައް ހަވާލުކުރުމުގެ މަސައްކަތުގައި އެމްޑަބްލިޔުއެސްސީ އާއި ފެނަކަ ގުޅިގެން ގާތުން މަސައްކަތް ކުރަމުންދާނެ އެވެ. މި ބަދަލަކީ މި ދެ ސިޓީގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ދެ ކުންފުނިންވެސް ފާހަގަކުރި އެވެ.









