މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވައި، ހިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިކުރުމުގެ މަގުސަދުގައި ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.
މި ކެމްޕޭނު ކުރިއަށްގެންދަނީ އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކާއި، ހުޅުދޫ، މީދޫ އަދި ފުވައްމުލައް ސިޓީގައެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެ ކުންފުނީގެ ހިދުމަތް ހޯދަމުންދާ އެންމެހައި ކަސްޓަމަރުން ކުންފުނީގެ ރަސްމީ ދަފްތަރުގައި ރަޖިސްޓްރީކުރުމާއި، ކަސްޓަމަރުންގެ މައުލޫމާތުތައް އަދާހަމަކުރުމަށް ބާރުއެޅުމެވެ.
ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން، އެމް.ޑަބްލިޔު.އެސް.ސީގެ މޮބައިލް އެޕްލިކޭޝަން ބޭނުންކުރާނެ ގޮތުގެ މައުލޫމާތުވެސް މި ކެމްޕޭނުގެ ތެރެއިން ދަނީ ހިއްސާކުރަމުންނެވެ. މީގެއިތުރުން، ކުންފުނިން ދެމުންގެންދާ ހިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ގާތުން ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްވެސް މި ހަރަކާތުގެ ތެރެއިން ވަނީ އިސްކަންދީފައެވެ.
މި ކެމްޕޭނުގެ ދަށުން ގޭގެއަށް ޒިޔާރަތްކޮށް، ވީހާވެސް ގިނަ ފަރާތްތަކަކަށް ފަސޭހައިން ރަޖިސްޓްރީވުމުގެ އިންތިޒާމު ހަމަޖައްސައިދިނުމުގެ އިތުރުން، އައްޑޫ އަދި ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގައި ހާއްސަ ރޯޑްޝޯތަކެއް ބޭއްވުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.
އަދި މައުލޫމާތު އަދާހަމަކުރުމުގެ ކަންކަން އިތުރަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އޮންލައިން ފޯމެއްވެސް (https://mwsc.jotform.com/262923659270868) ވަނީ ތައާރަފުކޮށްފައެވެ.
މި ކެމްޕޭނާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެމް.ޑަބްލިޔު.އެސް.ސީގެ ހޮޓްލައިން ނަންބަރު 1575 އަށް ގުޅުއްވުމަށް އެ ކުންފުނިން އެދެއެވެ. މި ހަރަކާތުގެ ސަބަބުން ދެކުނުގެ މި ދެ ސިޓީގެ ރައްޔިތުންނަށް ކުންފުނީގެ ހިދުމަތްތައް ހޯދުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން މައުލޫމާތުދެއެވެ.




