މާލޭ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވީހާވެސް ލުއިފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކުންފުނީގެ ހޮޓްލައިން ނަންބަރުތަކަށް ބަދަލުތަކެއް ގެނެެއްސިއެވެ. އެގޮތުން ކުންފުނީގެ ހިދުމަތްތަކާ ގުޅޭ އެންމެހައި މައުލޫމާތާއި އާންމު އެހީތެރިކަން ހޯއްދެވުމަށް މިހާރު ހާއްސަކޮށްފައިވަނީ ކަސްޓަމަރ ކެއަރ ހޮޓްލައިން ނަންބަރު 1575 އެވެ.
މި ކަސްޓަމަރ ކެއަރ ނަންބަރުގެ ހިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ދަންވަރު 12:00 އަށް ލިބިވަޑައިގަންނަވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރިއެވެ. މީގެއިތުރުން، ކަސްޓަމަރުންގެ ރައްކާތެރިކަމަށާއި ފަސޭހައިން ކުންފުނި ދެނެގަތުމަށްޓަކައި، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ގުޅާ ވަގުތުތަކުގައި ފޯނު ސްކްރީނުން ފެންނާނީވެސް ހަމަ މި 1575 ނަންބަރު ކަމަށް ކުންފުނިން ފާހަގަކުރިއެވެ.
މި ބަދަލުތަކުގެ އިތުރުން، ކުންފުނީގެ 105 ނަންބަރަކީ ހަމައެކަނި ކުއްލި ހާލަތްތަކުގައި ގުޅުއްވުމަށް ހާއްސަކުރެވިފައިވާ އެމަޖެންސީ ހޮޓްލައިން ކަމުގައި ހަމަޖައްސައިފިއެވެ. މި އެމަޖެންސީ ނަންބަރުގެ ހިދުމަތް ހަފުތާގެ 7 ދުވަހު، 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެމުންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ޔަގީންކަންދެއްވިއެވެ.
ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، ވީހާވެސް ގާތުން އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަކީ އެމްޑަބްލިޔުއެސްސީގެ މައިގަނޑު އަމާޒެވެ. ވީމާ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، ކަނޑައެޅިފައިވާ މި ނަންބަރުތައް ބޭނުންކުރެއްވުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.




