ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައު ބޭފުޅުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަނުކޮށްފިއެވެ.
ޕީސީބީން ހާމަކޮށްފައިވާ ގޮތުގައި، ފެނަކައިގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައިވަނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒުވަރު އެވެ. އަދި ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ހ. ހުދުރިޔާ، އިބްރާހިމް ނިޡާމް ވަނީ އައްޔަނުކޮށްފައެވެ.
މި ބަދަލުތައް ފެނަކައިގެ މެނޭޖްމަންޓަށް ގެނެސްފައި މިވަނީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަފީފް ހުސައިން އެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން ވަކިކުރުމާ ގުޅިގެންނެވެ. މީގެއިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެމްޑީ އިބްރާހީމް ނަޒީމް ވެސް ވަނީ މަގާމުން ވަކިކޮށް، އެ ކުންފުނީގެ އެކްޓިންގ އެމްޑީގެ މަގާމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައުދީ ހަމަޖައްސާފައެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި ޑރ. އަޒުވަރަށް ފެނަކަ ހިންގެވުން ހަވާލުކޮށްފައި މިވަނީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ސްޓެލްކޯއާ އެއްކޮށްލުމަށް (މާޖްކުރުމަށް) އަދި އާރްޑީސީ އެމްޓީސީސީއާ އެއްކޮށްލުމަށް ސަރުކާރުން ނިންމަވައި، އެ މަސައްކަތްތައް ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ.





