މި ހިނގާ އަހަރު ނިމުމުގެ ކުރިން ޖުމްލަ 442 އޮޑިޓެއްގެ މަސައްކަތް އެއްކޮށް ނިންމައި އާންމުކުރެވޭނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ. އެ އޮފީހުން މިކަން ހާމަކުރެއްވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
އޮޑިޓް ޤާނޫނުގެ ދަށުން އުފައްދާފައިވާ އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ، ދައުލަތުގެ މާލީ ކަންކަމާއި ވަސީލަތްތައް ހޭދަކުރެވޭ ގޮތް މިނިވަންކަމާއެކު ބަލައި އޮޑިޓްކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓު ހުށަހެޅުމުގެ ޤާނޫނީ ޒިންމާ އޮތް މުއައްސަސާއެވެ. މިގޮތުން ސަރުކާރުގެ ވުޒާރާތަކާއި، ލޯކަލް ކައުންސިލްތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ އޮޑިޓާއި، ކޮމްޕްލަޔަންސް އަދި ޕާފޯމަންސް އޮޑިޓްތައް ކުރުމަކީ އެ އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތެކެވެ.
އޮޑިޓް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި އަހަރުގެ މިހާތަނަށް 183 އޮޑިޓެއްގެ މަސައްކަތް ނިންމައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކާ ގުޅޭ 35 އޮޑިޓް
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 34 އޮޑިޓް
- ކައުންސިލްތަކުގެ 62 އޮޑިޓް
- ހާއްސަ 8 އޮޑިޓް
- ޕަބްލިކް ފަންޑުގެ 3 އޮޑިޓް
- އިންފޮމޭޝަން ސިސްޓަމްތަކާ ގުޅޭ 5 އޮޑިޓް
- މާލީ އިދާރާތަކުގެ 3 އޮޑިޓް
- ޕާފޯމަންސް އަދި ބަޖެޓާ ގުޅޭ އޮޑިޓްތައް
އެ އޮފީހުން ލަފާކުރާ ގޮތުގައި، މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 259 އޮޑިޓެއް ނިންމާލެވޭނެއެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި ނިންމައި އާންމުކުރެވޭ އޮޑިޓްތަކުގެ ޖުމްލަ އަދަދު 442 އަށް އަރާނެއެވެ.
މީގެ އިތުރުން، މިހާރު ކުރިއަށްދާ އޮޑިޓްތަކުގެ ތެރެއިން 120 އޮޑިޓެއްގެ މަސައްކަތް ނިންމާލެވޭނީ އަންނަ އަހަރު ކަމަށްވެސް އެ އޮފީހުން ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މުޅިން އަލަށް 394 އޮޑިޓެއްގެ މަސައްކަތް ކުރުމަށް ތާވަލުކޮށްފައިވާ ކަމަށްވެސް މާލިއްޔަތު ކޮމިޓީގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.




