ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ސައްހަ ނޫން ލިޔެކިޔުންތައް ކޯޓަށް ހުށަހަޅައިގެން މަކަރާއި ހީލަތުން ދައުލަތުން ފައިސާ ހޯދަން އުޅޭ މައްސަލައިގެ ތަހުގީގެއް ހިންގެވުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވައިފި އެވެ. އޮޑިޓާ ޖެނެރަލް މިލަފާދެއްވީ ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2008 ވަނަ އަހަރު ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދިންކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްސްއާއި ކޮންސިއުމަބަލްސްއަށް ދައްކަންޖެހޭކަމަށްބުނާ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުގަ އެވެ.
އެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަކީ 2006 ވަނަ އަހަރާއި 2010 ވަނަ އަހަރާއި ދެމެދު ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ފޯރުކޮށްދީފައިވާކަމަށް ބުނާ މުދަލާއި ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބިގެން 2020 ވަނަ އަހަރުން ފެށިގެން ކޯޓަށް މައްސަލަތައް ހުށަހަޅާފައިވާ ކުންފުންޏެކެވެ. އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 400 މިލިއަން ރުފިޔާއަށް އަރަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާގޮތުން ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަކީ 2006 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެެކެވެ. ކުންފުނީގެ ހިއްސާދާރުންނަކީ އަހުމަދު ޖާމިޒް އަދި އަބްދުﷲ އާރިފް އެވެ. ބޯޑް ޑިރެކްޓަރުންގެ ގޮތުގައި އެ ދެމީހުންގެ އިތުރުން އަލީފާ އަހުމަދު ހިމެނެ އެވެ.
އެކުންފުންޏާ ގުޅޭ މި ހާއްސަ އޮޑިޓް ރިޕޯޓުގައި ލިޔެކިޔުންތައް އޮޅުވާލައިގެން ދައުލަތުން ފައިސާ ހޯދުމުގެ ހަ މައްސަލައެއް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ، ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް(ޑީއެމްއެސް) އަށް ފޯރުކޮށްދިންކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްސްއާއި ކޮންސިއުމަބަލްސްގެ ފައިސާއާ ގުޅޭ މައްސަލައެވެ.
2022 ވަނަ އަހަރު ސެންޓަ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލާގައި ދައުވާކޮށްފައިވަނީ މުދަލަށް ލިބެންޖެހޭ ދެ މިލިޔަން ޑޮލަރާއި އެ ފައިސާ ނުލިބުމުން ޖޫރިމަނާއަށް 3.1 މިލިޔަން ޑޮލަރާއެކު ޖުމްލަ 5.1 މިލިޔަން ޑޮލަރު ހޯދުމަށެވެ. 2020 ވަނަ އަހަރު ސިވިލް ކޯޓުން ސެންޓަ ކުންފުނިން ފޯރުކޮށްދިންކަމަށް ބުނާ މުދަލުގެ އަގަށްވާ ދެ މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައުލަތުން ދޭންޖެހޭކަމަށް ހުކުމް ކުރި އެވެ. އަދި ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
މިމައްސަލައާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ހާއްސަ އޮޑިޓްގައި ބުނެފައިވަނީ މައްސަލަ ސާބިތުކުރުމަށް ސެންޓަ ކުންފުނިން ކޯޓަށް ހުށަހެޅި އެންމެ މުހިއްމު ލިޔެކިޔުންތަކަކީ ފޯޖްކޮށްގެން އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ކަމަށް ބެލެވޭކަމަށެވެ. އެގޮތުން:
- ބައެއް ލިޔެކިޔުންތަކާއި ތަކެތި ލިބުނުކަމަށް ސަރުކާރުގެ އިދާރާގެ ފަރާތުން ސޮއިކޮށްފައިވާ މުވައްޒަފަކީ އެ އިދާރާގައި އެއްވެސް އިރަކު މަސައްކަތްކުރި މުވައްޒަފަކަށް ނުވާއިރު އެ މުވައްޒަފުގެ މަގާމު އެކި ލިޔުންތަކުގައި އެކި ގޮތަށް
- ކޯޓަށް ހުށަހެޅި އެއްބަސްވުމުގައި ރަށްރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް މުދާ ފޯރުކޮށްދިނުމަށް އޮތްއިރު، އެއްވެސް ތަނަކަށް މުދާ ފޯރުކޮށްދިންކަމަށް ބުނާ ޑެލިވަރީ ނޯޓު ހުށަހަޅާފައި ނުވުން
- ކޯޓަށް ހުށަހެޅި ސްޓޭޓް ބެންކް އޮފް އިންޑިޔާގެ އެއްލައްކަ ފަންސާސްހާސް ޑޮލަރުގެ ބޭންކު ގެރެންޓީއަކީ ސައްހަ ނޫން ލިޔުމެއްކަމަށް އެ ބޭންކުން ބުނާއިރު އޭޑީކޭ އެންޓަޕްރައިޒަސްގެ ނަމުގައިވެސް ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވުން
- ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ޖަހާފައިވާ އިއުލާން ނަމްބަރާއި ޕްރޮޖެކްޓް ކޯޑު އޭގެ އަސްލު ނަންބަރާއި ދިމާނުވުން
- މެޑިކަލް އިކުއިޕްމަންޓް ހޯދަން ސެންޓާ ކުންފުންޏަށް ޓެންޑާ ބޯޑުން ހަވާލުކުރިކަން އެންގި ސިޓީކަމަށް ބުނެ ހުށަހެޅި ސިޓީގައި ޓެންޑާ ބޯޑުގެ ނަން ނުބައިކޮށް ލިޔެފައި އޮތުން
މީގެ އިތުރުންވެސް ސެންޓާ ކުންފުނިން ކޯޓަށް ހުށަހެޅި އެކުންފުނީގެ އަމިއްލަ މާލީ ބަޔާންތަކުގައިވެސް މައްސަލާގައި ހިމެނޭ ފައިސާއަކީ އެކުންފުންޏަށް ލިބެންޖެހޭ ފައިސާއެއްކަން ބަޔާންކޮށްފައި ނެތްއިރު އެ ކުންފުންޏަކީ ދައުލަތުގެ އެކި އިދާރާތަކާއި ކުންފުނިތަކަށް މުދާ ފޯރުކޮށްދިނުމަށްފަހު ފައިސާ ލިބުމުންވެސް، ފައިސާ ނުލިބޭކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ މާޒީއެއް އޮތް ކުންފުންޏެއްކަމަށްވެސް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެފަދަ ހަ މައްސަލައެއް ފާހަގަވެފައިވާއިރު އޭގެ ތެރޭގައި މާލެ ސިޓީކައުންސިލާއި އެމްއޭސީއެލް އަދި އެންވާރްމަންޓް މިނިސްޓްރީން ފައިސާ ހޯދަން އެކުންފުނިން ދައުވާކޮށްފަ އެވެ. މި މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 410 މިލިއަން ރުފިޔާއަށް އެރި ނަމަވެސް އެކުންފުނީގެ އަހަރީ އޮޑިޓުތަކުން ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި އެ އަދަދާއި ގާތްވެސްކުރާ އަދަދުތަކެއް ހިމަނާފައިނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެއިތުރުން މި މައްސަލައާ ގުޅޭ މުއާމަލާތްތައް ހިންގި ދުވަސްވަރު އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރި މުވައްޒަފަކާއި ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްގައި މަސައްކަތްކުރި ދެ މުވައްޒަފަކު ތިބިކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މި މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާދެއްވީ ސައްހަ ނޫން ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅައިގެން، ފޯރުކޮށް ނުދޭ މުދާތަކަކަށް ފައިސާ ހޯދަން ބަޔަކު މަސައްކަތް ކުރަމުންދާތީ އެ މައްސަލަ ފުލުހުންގެ އިދާރާ މެދުވެރިކޮށް ތަހުގީގު ކުރެއްވުމަށެވެ. އަދި މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުއްވުމަށްވެސް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފަ އެވެ.