ނޫނު އަތޮޅުގެ ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާ ކަމަށާއި، އެ އަތޮޅު ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ނ. ވެލިދޫ ސިއްހީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަތޮޅުގެ ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް މިހާތަނަށް ސަރުކާރުން ކޮށްފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ނ. އަތޮޅު ހޮސްޕިޓަލުގައި މިހާރު އައިސީޔޫގެ ހިދުމަތާއި، ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ހިދުމަތުގެ އިތުރުން ފިޒިއޮތެރަޕީގެ ހިދުމަތް ފަށާފައިވާ ކަމަށެވެ. އަދި އަތޮޅު ތެރޭގައި ޑަޔަލިސިސްއާއި ދަތުގެ ފަރުވާގެ ހިދުމަތްތައްވެސް އިތުރަށް ފުޅާކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ނ. ހޮޅުދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތް މިހާރު ލިބެން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން، އަތޮޅުގައި ލެބޯޓްރީގެ ހިދުމަތް ނެތް 8 ރަށުގެ ތެރެއިން 3 ރަށެއްގައި މިހާރު ވަނީ ލެބޯޓްރީ ގާއިމުކޮށް ހިދުމަތް ދޭން ފަށައިފައެވެ. މިއީ މުޅި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ތަސައްއްލީއެކެވެ.
ކުރިއަށް ހުރި މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބާކީ ހުރި 5 ރަށުގައި ލެބޯޓްރީ ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ކެނދިކުޅުދޫ ހޮސްޕިޓަލުގެ އިތުރުން، ވެލިދޫގައި 30 އެނދުގެ ޖާގައިގެ ޒަމާނީ އައު ހޮސްޕިޓަލެއް އިމާރާތްކުރުމުގެ ބޮޑު މަޝްރޫއުވެސް ކުރިއަށްދާ ކަމަށާއި، މި ދައުރު ނިމުމުގެ ކުރިން ވެލިދޫ އައު ހޮސްޕިޓަލް ހުޅުވައި، ފުޅާ ދާއިރާއެއްގައި ހިދުމަތް ދޭން ފެށޭނެ ކަމަށް ވިދާޅުވިއެވެ.
ވެލިދޫ ސިއްހީ މަރުކަޒަށް 25 އަހަރު ފުރުނުއިރު، އެ މަރުކަޒުގައިވެސް ފާހަގަކޮށްލެވޭ ގިނަ ހިދުމަތްތަކެއް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި އެތެރެހަށީގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތާއި، ޑަޔަލިސިސް، އެކްސްރޭ، ބިދޭސީންގެ ވޯކްޕާމިޓް މެޑިކަލް ހެދުމުގެ އިންތިޒާމު އަދި ކުއްލި ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށް ސީ-އެމްބިއުލާންސްގެ ޚިދުމަތް ހިމެނެއެވެ. ހަމައެއާއެކު، ހިދުމަތްތައް އަވަސްކުރުމަށްޓަކައި މުވައްޒަފުންގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.
ނ. އަތޮޅުގެ ސިއްހީ ދާއިރާއަށް ގެނެސްދެއްވި މި އިންގިލާބީ ތަރައްގީއަށްޓަކައި މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ތަރައްގީގެ މަޝްރޫއުތަކަކީ ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި، ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ފަރުވާ ހޯދުމަށް މަގުފަހިވެގެންދާނެ މުހިންމު ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މިނިސްޓަރު ވަނީ، ސިއްހީ ހިދުމަތްތައް ތަރައްގީކުރުމާއެކު، ކޮންމެ މީހަކުވެސް އަމިއްލަ ސިއްހަތަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ ގޮތުން ދުޅަހެޔޮ ކާނާ ކެއުމާއި، ކަސްރަތު ކުރުމާއި، ސާފުތާހިރުކަމަށް އިސްކަންދީގެން ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކުރުމަކީ އާންމު ސިއްހަތު ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށް ނުހަނު ބޭނުންތެރި ކަމެއްކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ.




