މި އަހަރުގެ އޮކްޓޯބަރު މަހު ހެލްތު މިނިސްޓްރީއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ ޖުމްލަ 57 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ބޮޑު އަޣުލަބިއްޔަތެއް ކަމަށްވާ 52 މައްސަލައަކީ އަންހެނުންނާ ގުޅޭ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއަދު އެ މިނިސްޓްރީން އާންމުކުރި އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ 31 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 29 މައްސަލައިގައި އަނިޔާ ލިބިފައިވަނީ އަންހެނުންނަށެވެ. ބާކީ 02 މައްސަލައަކީ ފިރިހެނުންނާ ގުޅޭ މައްސަލަތަކެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ ނަފްސާނީ އަދި އަނގަބަހުން ކުރެވޭ އަނިޔާގެ 13 މައްސަލައަކީވެސް މުޅިން އަންހެނުންނަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކެވެ. މީގެ އިތުރުން، ބިރުދެއްކުމުގެ 03 މައްސަލައާއި، ބްލެކްމެއިލް ކުރުމުގެ 03 މައްސަލައިގެ އިތުރުން ޖިންސީ ހާނިއްކައިގެ 03 މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ. ހަމައެއާއެކު، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 01 މައްސަލައާއި، މެރިޓަލް ރޭޕްގެ 01 މައްސަލައާއި، ފާރަލުމުގެ 01 މައްސަލަ އަދި މުދަލަށް ގެއްލުންދިނުމުގެ 01 މައްސަލައެއްވެސް އޮކްޓޯބަރު މަހު ވަނީ ރިޕޯޓުކޮށްފަ އެވެ.
މިފަދަ މައްސަލަތަކުގައި އެހީތެރިކަން ހޯދުމަށް އޮކްޓޯބަރު މަހު ވުޒާރާގެ ހެލްޕްލައިންތަކަށް ޖުމްލަ 2،324 ކޯލު ލިބިފައި ވެއެވެ. އޭގެ ތެރޭގައި ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ލިބުނު 549 ކޯލާއި، ޗައިލްޑް ހެލްޕްލައިން 1412 އަށް ލިބުނު 1،775 ކޯލު ހިމެނެއެވެ.
ހަމައެއާއެކު، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި އާންމުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އޮކްޓޯބަރު މަހު 141 ފަރާތަކަށް ކައުންސިލިން ސެޝަން ކުރިއަށްގެންގޮސްފައިވާއިރު، 24 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީ، 24 ފަރާތަކަށް ޕޭރެންޓިން ސެޝަންތައް ބާއްވާފައިވާ ކަމަށްވެސް ވުޒާރާއިން ހާމަކުރެއެވެ.





