މި އަހަރުގެ އޮކްޓޯބަރު މަހު ހެލްތު މިނިސްޓްރީއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ޖިންސީ ހާނިއްކައިގެ 24 މައްސަލައާއި ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ ހިމެނޭ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއަދު އެ ވުޒާރާއިން އާންމުކުރި އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ޝިކާރައަކަށް އެންމެ ގިނައިން ވެފައިވަނީ އަންހެން ކުދިންނެވެ. އެގޮތުން ޖިންސީ ހާނިއްކައިގެ ގޮތުގައި ރިޕޯޓުކުރި 24 މައްސަލައިގެ ތެރެއިން 18 މައްސަލައަކީ އަންހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ. ބާކީ 06 މައްސަލަ ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ ގޮތުންނެވެ.
މީގެ އިތުރުން، ކުޑަކުދިން ޖިންސީ ގޮތުން "ގްރޫމް" ކުރުމުގެ އެއް މައްސަލައާއި، ކުޑަކުދިންގެ ބަދުއަހްލާގީ އަމަލު ހިންގާ ވީޑިއޯތަކާ ގުޅޭ ދެ މައްސަލައެއްވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
ޖުމްލަކޮށް އޮކްޓޯބަރު މަހު ރިޕޯޓުކުރި ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައިގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންގެ 62 މައްސަލައާއި ފިރިހެން ކުދިންގެ 47 މައްސަލަ އެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ އިހުމާލުވުމުގެ 27 މައްސަލައިގެ ތެރޭގައިވެސް 18 އަންހެން ކުދިން ހިމެނޭއިރު، ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ.
ހަމައެއާއެކު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 57 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 31 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 29 މައްސަލައަކީ އަންހެނުންނާ ގުޅޭ މައްސަލަތަކެވެ.
މިފަދަ މައްސަލަތައް ރިޕޯޓުކުރުން އިތުރުވެފައިވާއިރު، އޮކްޓޯބަރު މަހު އެ ވުޒާރާގެ ހެލްޕްލައިންތަކަށް ޖުމްލަ 2،324 ކޯލު ވަނީ ލިބިފައެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ކުޑަކުދިންނަށް ހާއްސަ 'ޗައިލްޑް ހެލްޕްލައިން 1412' އަށް ލިބުނު ކޯލުތަކެވެ. އެގޮތުން 1412 އަށް ޖުމްލަ 1،775 ކޯލު ލިބިފައިވާއިރު، ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ލިބިފައިވަނީ 549 ކޯލެވެ.
މީގެ އިތުރުން، އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 153 ކުދިން ތިބި އިރު، އެ މަހުގެ ތެރޭގައި 03 ކުއްޖަކު އާއިލާތަކާ ރީއިންޓިގްރޭޓް ކުރެވިފައިވާ ކަމަށްވެސް ވުޒާރާއިން ހާމަކުރެއެވެ.





