މި އަހަރުގެ އޮކްޓޯބަރު މަހު ހެލްތު މިނިސްޓްރީއަށް ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން، ކުދިންގެ އަހްލާގީ މައްސަލަތަކާއި، އާއިލީ މައްސަލަތަކުގެ އިތުރުން ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މައްސަލަތަކުގައި އެންމެ ގިނައީ ފިރިހެން ކުދިންނާ ގުޅޭ މައްސަލަތައް ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. އަދި ހަމައެއާއެކު، ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރޭގައި ފިރިހެން ކުދިންނަށް ކުރާ ޖިސްމާނީ ހާނިއްކައާއި އިހުމާލުވުމުގެ މައްސަލަތައްވެސް ފާހަގަކޮށްލެވެއެވެ.
މިއަދު އެ ވުޒާރާއިން އާންމުކުރި އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައިގެ ތެރޭގައި ފިރިހެން ކުދިންނާ ގުޅޭ 47 މައްސަލަ ހިމެނެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ޖިސްމާނީ ހާނިއްކައިގެ 19 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އިހުމާލުވުމުގެ 09 މައްސަލައާއި ޖިންސީ ހާނިއްކައިގެ 06 މައްސަލައެއްގައި ފިރިހެން ކުދިން ވަނީ ޝިކާރައަކަށްވެފަ އެވެ.
މީގެ އިތުރުން، ފިރިހެން ކުދިންގެ އަޣުލަބިއްޔަތު އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ބަލާއިރު، ކުދިންގެ އަހްލާގީ މައްސަލަތަކުގެ ގޮތުގައި ޖުމްލަ 35 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 22 މައްސަލައަކީ ފިރިހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ. އަންހެން ކުދިންނާ ގުޅޭގޮތުން ރިޕޯޓުކޮށްފައިވަނީ 13 މައްސަލައެވެ. އަހްލާގީ މައްސަލަތަކުގެ ތެރޭގައި ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 06 މައްސަލައާއި، ސްކޫލަށްދާން ބޭނުންނުވުމުގެ 06 މައްސަލައިގެ އިތުރުން ގެއިން ނިކުމެގެން ދިއުމުގެ 05 މައްސަލައާއި އެހެނިހެން 18 މައްސަލަ ހިމެނެއެވެ.
ހަމައެއާއެކު، އާއިލީ މައްސަލަތަކުގެ ގޮތުގައި އޮކްޓޯބަރު މަހު ރިޕޯޓުކުރި 33 މައްސަލައިގެ ތެރޭގައިވެސް ގިނައީ ފިރިހެން ކުދިންގެ މައްސަލަތަކެވެ. އެގޮތުން އާއިލީ މައްސަލަތަކުގައި ފިރިހެން ކުދިންގެ 22 މައްސަލަ ހިމެނޭއިރު، އަންހެން ކުދިންގެ ހިމެނެނީ 11 މައްސަލަ އެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކުދިން ބެލުމުގައި ޖެހޭ 20 މައްސަލައާއި، ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 09 މައްސަލައިގެ އިތުރުން ހަޟާނާގެ 04 މައްސަލަ އެވެ.
އަދި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތަކުގެ ގޮތުގައި އޮކްޓޯބަރު މަހު ރިޕޯޓުކުރި 03 މައްސަލައިގެ ތެރެއިންވެސް 02 މައްސަލައަކީ ފިރިހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ. އެއީ އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 02 މައްސަލައާއި އައި.ޑީ ކާޑު، ޕާސްޕޯޓް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ 01 މައްސަލަ އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދަށް ބަލާއިރުވެސް ބޮޑު އަޣުލަބިއްޔަތެއް ހިއްސާކުރަނީ ފިރިހެން ކުދިންނެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އޮކްޓޯބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ޖުމްލަ 153 ކުދިންގެ ތެރެއިން 89 ކުދިންނަކީ ފިރިހެން ކުދިންނެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އަންހެން ކުދިންގެ އަދަދަކީ 64 އެވެ.





