އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވާލައި، އެ ގައުމުގެ ޒުވާނުން އިސްނަގައިގެން ވެރިރަށް ނިއުދިއްލީގައި ސިލްސިލާ ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.
މި މުޒާހަރާތައް އިންތިޒާމުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ބާނީ އަބީޖީތު ދީޕްކޭ އާއި އިތުރު އިސް ލީޑަރުން ހޮނިހިރު ދުވަހު ދިއްލީގެ އެއާޕޯޓުން ފުލުހުން ހައްޔަރުކުރި ނަމަވެސް، ކޯޓުން ވަނީ އެއް އަހަރު ދުވަހަށް އަމަންއަމާންކަން ނަގާނުލުމަށް ޝަރުތުކޮށް އާދީއްތަ ދުވަހު އެމީހުން ދޫކޮށްލަން އަމުރުކޮށްފައެވެ. މީގެއިތުރުން ހައްޔަރުކުރި މަޝްހޫރު އެކްޓިވިސްޓް އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރ ދްރުވް ރާތީ ވެސް ވަނީ އިތުރު މުޒާހަރާތަކުގައި ބައިވެރިނުވުމަށް ޝަރުތުކޮށް ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައެވެ.
ހޮނިހިރު ދުވަހުގެ މުޒާހަރާ ހުއްޓުވުމަށްޓަކައި ފުލުހުން ވަނީ ސެންޓްރަލް ދިއްލީ އެއްކޮށް ބަންދުކޮށް، 2،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ދޫކޮށްލާފައިވީ ނަމަވެސް، އާދީއްތަ ދުވަހު ވެސް ވެރިރަށުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެތައް ހާސް ފުލުހުންނާއި ޕެރާމިލިޓަރީ ފައުޖުތައް ވަނީ ހަރަކާތްތެރިވެފައެވެ.
މުޒާހަރާގެ ބައިވެރިން ގްޔާނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވަނީ، ވޯޓުލާ މީހުންގެ ލިސްޓު އިސްލާހު ކުރުމުގެ ނަމުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަންކަން ނިންމަމުންދާ ކަމަށް ތުހުމަތުކޮށެވެ. އިންތިހާބީ ލިސްޓުން 130 މިލިއަނަށް ވުރެ ގިނަ މީހުންގެ ނަން އުނިކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މީގެ ބޮޑު އަސަރެއް ކޮށްފައިވަނީ މުސްލިމުންނާއި އެހެނިހެން މަދު އަދަދެއްގެ މީހުން ދިރިއުޅޭ މައިނޯރިޓީ ގްރޫޕްތަކަށެވެ. ނަމަވެސް، އިލެކްޝަން ކޮމިޝަނާއި ބީޖޭޕީން މި ތުހުމަތުތައް ދޮގުކުރެއެވެ.
މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން ބާރުގެ ބޭނުންކުރުމާ ގުޅިގެން އދ. ގެ ކަމާބެހޭ އިދާރާއަކުން ވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގަށް އިހުތިރާމްކުރުމަށް ގޮވާލާފައެވެ. އެހެންނަމަވެސް އިންޑިއާގެ ހާރިޖިއްޔާއިން ބުނެފައިވަނީ އދ. ގެ އެ ބަޔާނަކީ ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުބެހުން ކަމަށެވެ.
ސޯޝަލް މީޑިއާ ޖޯކަކުން ފެށިގެން ސިޔާސީ ބޮޑު ބާރަކަށް ވެފައިވާ ސީޖޭޕީން ބުނެފައިވަނީ، އިންޑިއާގެ އިންތިހާބީ ނިޒާމު އިސްލާހު ނުވަނީސް މި މުޒާހަރާތައް ނުހުއްޓާނެ ކަމަށެވެ.



