އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، ސޯޝަލް މީޑިއާގައި އަމާޒުވި ފާޑުކިޔުންތަކާއި ފުލުހުންގެ ބެލުންތަކާ ގުޅިގެން، ޕާކިސްތާނުގެ މަޝްހޫރު ޓީވީ ޑްރާމާ "ދަރް-އެ-ނިޖާތު" ގެ ދެ ޕްރައިވެޓް ސްކްރީނިންގ އިންޑިއާގެ ބެންގަލޫރުގައި ކެންސަލްކޮށްފި އެވެ.
އޭ.އާރް.ވައި ޑިޖިޓަލްގެ މި ސީރީޒްގެ ފޭނުންނަށް ހާއްސަކޮށްގެން މި ހަފުތާ ބަންދުގައި ރެސްޓޯރެންޓެއްގަ އާއި ޕްރައިވެޓް ތިއޭޓަރެއްގައި ބާއްވަން ރާވާފައިވާ މި ދެ އިވެންޓުގެ ތެރެއިން އެއް އިވެންޓުގައި ޑްރާމާގެ އެޕިސޯޑުތައް ދެއްކުމާއެކު ޕާޝިއަން އަދި އަރަބި ކެއުމެއް ހިމެނޭ ގޮތަށް އިޝްތިހާރުކޮށްފައިވާއިރު، އަނެއް އިވެންޓަކީ އާއިލީ ބައްދަލުވުމެއްގެ ގޮތުގައި ރާވާފައިވާ އިވެންޓެކެވެ.
މި ސްކްރީނިންގތައް ކެންސަލްކޮށްފައި މިވަނީ، އިންޑިއާގައި ޕާކިސްތާނުގެ މުނިފޫހިފިލުވުމުގެ އުފެއްދުންތަކާ ދެކޮޅަށް އަލުން އަޑުއުފުލަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، ފަވާދު ހާން، މާހިރާ ހާން އަދި ސަނަމް ސައީދު ފަދަ ތަރިން ހިމެނޭ ގޮތަށް ނެޓްފްލިކްސް އިން އުފައްދާފައިވާ ޕާކިސްތާނުގެ ފުރަތަމަ އޮރިޖިނަލް ސީރީޒް "ޖޯ ބަޗޭ ހޭން ސަންގް ސަމޭޓް ލޯ" އިންޑިއާގައި ރިލީޒްކުރުން ހުއްޓުވައިދިނުމަށް އެދި އޯލް އިންޑިއަން ސިނޭ ވޯކާސް އެސޯސިއޭޝަން (އޭ.އައި.ސީ.ޑަބްލިއު.އޭ) އިން ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސިޓީއެއް ފޮނުވާފަ އެވެ. މި ސީރީޒް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 4 ވަނަ ދުވަހު އެވެ.
މި މައްސަލަތަކަކީ 2025 ވަނަ އަހަރުގެ މެއި މަހު ދެ ގައުމުގެ ދެމެދުގައި ހިނގި އަސްކަރީ ކުރިމަތިލުންތަކަށްފަހު ސަގާފީ ގުޅުންތަކާ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ފެންމަތިވެފައިވާ ކަންކަމެވެ. އެ ހާދިސާތަކަށްފަހު، ސްޓްރީމިންގ ޕްލެޓްފޯމްތަކުން ޕާކިސްތާނުގެ އުފެއްދުންތައް ދެއްކުން ހުއްޓާލުމަށް އިންޑިއާއިން އެދިފައިވާއިރު، ޕާކިސްތާނުގެ ބައެއް ފަންނާނުންގެ ސޯޝަލް މީޑިއާ އެކައުންޓްތައްވެސް ވަނީ ބްލޮކްކޮށްފަ އެވެ.
މިފަދަ ހުރަސްތަކާއެކުވެސް، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އިންޑިއާގެ ބެލުންތެރިންގެ މެދުގައި ޕާކިސްތާނުގެ ޑްރާމާތަކާއި މިޔުޒިކަށް އޮތް މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ. އުރުދޫ ވާހަކަލިޔުންތެރިޔާ އުމޭރާ އަހްމަދު ލިޔެ، ދުރެފިޝާން ސަލީމް އަދި ޝެހެރްޔާރު މުނައްވަރު ލީޑް ރޯލުން ފެނިގެންދާ "ދަރް-އެ-ނިޖާތު" އަކީ ކައިވެންޏާއި، ހިތާމައާއި، އީމާންތެރިކަމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ، އިންޑިއާގެ ބެލުންތެރިންގެ މެދުގައި ބޮޑު ތަރުހީބެއް ހޯދާފައިވާ ޑްރާމާއެކެވެ.




