އިންޑިއާގެ ބިހާރު ސްޓޭޓްގެ މޮކާމާ ދާއިރާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އަނަންތު ސިންގްގެ ދަރިކަނބަލުން ޝިވަންގީ ސިންގްގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށްޓަކައި ގާތްގަނޑަކަށް 400،000 އެއްހާ މީހުން އެ ސްޓޭޓްގެ އަވަށަކަށް ޖަމާވެއްޖެއެވެ. ޕަޓްނާ ޑިސްޓްރިކްޓްގެ ނަދްވާން އަވަށުގައި ހުންނަ އެ އާއިލާގެ ކާބަފައިންގެ ގޭގައި ބޭއްވި މި ހަފުލާއަށް މީހުން ގިނަވެ، މަގުތައް ތޮއްޖެހި، ހަފުލާގެ މަންޒަރުތައް ބެލުމަށްޓަކައި ބައެއް މީހުން ގަސްގަހަށާއި ކަރަންޓު ދަނޑިތަކަށް އަރަން ޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސިޔާސީ ގޮތުން ނުފޫޒުގަދަ، އަދި ގިނަ ދުވަސްތަކެއް ވަންދެން މަޖިލިސް މެންބަރުކަން ކުރައްވާފައިވާ އަނަންތު ސިންގްގެ މައްޗަށް މީހުން މެރުން ހިމެނޭހެން ޖިނާއީ އެތައް މައްސަލައެއްގެ ދައުވާ އުފުލިފައިވެއެވެ. އިންޑިއާގެ އެންމެ ފަގީރު ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ބިހާރުގައި މިފަދަ ބޮޑު ހަރަދެއް ކޮށްގެން ބޭއްވި މި ހަފުލާގައި ފާހަގަކޮށްލެވޭ އެތައް ކަމެއް ހިމެނުނެވެ. އެގޮތުން، އެތައް ސަތޭކަ ކައްކާއިން ހަރަކާތްތެރިވި ވަގުތީ ބަދިގެތަކާއި، ގިނަ އަދަދެއްގެ ސަގާފީ ފޮނިކާތަކެއްޗާއި، ވެރިންތައް ދަތުރުކުރި ހެލިކޮޕްޓަރުތައް ޖެއްސުމަށް ތައްޔާރުކުރި ހެލިޕޭޑްތަކުގެ އިތުރުން 150 އަށް ވުރެ ގިނަ ވެހިކަލް ހިމެނޭ ބޮޑު ޕެރޭޑެއް ބޭއްވުނެވެ. އަދި މުޅި ސަރަހައްދު ޒީނަތްތެރިކޮށް އަލިކޮށްފައިވަނީ ބޮޑު އީދު ކުޅިވަރެއް ހިނގަމުންދާ ފަދަ ގޮތަކަށެވެ.
މި ހަފުލާއާ ގުޅިގެން ޕަޓްނާއަށް ދަތުރުކުރާ މައި މަގުތަކުގައި އެތައް ގަޑިއިރަކަށް ޓްރެފިކް ހުއްޓުމަކަށް އައި ކަމަށް އެ ސަރަހައްދުގެ ހަބަރުތައް ބުނެއެވެ. އިންތިޒާމުކުރި ފަރާތްތަކުން ލައްކައިން ގުނާލެވޭ މެހެމާނުންނަށް ކެއުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު، މިހާ ބޮޑު ހަރަދެއް ކުރި ފައިސާގެ މަސްދަރާ މެދު ސިޔާސީ އިދިކޮޅު ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. ނަމަވެސް، ސިންގް ބުނެފައިވަނީ މި ހަރަދުތަކުގެ ބޮޑު ބައެއް ހަމަޖެއްސީ އޭނާގެ އަމިއްލަ ފައިސާއިން ނޫން ކަމަށާއި، އެއީ އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި ރަހުމަތްތެރިންގެ އެހީތެރިކަމާއެކު ކަމަށެވެ.
އެމެރިކާގައި ދިރިއުޅެ، އެމްބީއޭ ހާސިލުކޮށްފައިވާ ރިޝިކޭޝް ކުމާރާ ޝިވަންގީ ސިންގް ކައިވެނި ބައްލަވައިގަތް މި ހަފުލާގައި ސަގާފީ އެތައް ހަރަކާތްތަކެއް ކުރިއަށްދިޔައެވެ. ބިހާރުގެ ނިކަމެތި އިގްތިސާދީ ހާލަތާއި، ކައިވެނި އިންތިޒާމުކުރި ފަރާތުގެ ކުށުގެ ރެކޯޑުތަކުގެ ސަބަބުން މި ހަފުލާއަށް ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބިފައެވެ.




