އެމެރިކާގެ މަޝްހޫރު ޓީވީ ހޯސްޓް އަދި ކޮމީޑިއަން ސްޓީވް ހާވީގެ އެންމެ ހަގު ދަރިފުޅު އިސްލާމްދީން ގަބޫލުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، ދަރިފުޅުގެ އެ ނިންމުމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
ޝާރުޖާ އިންޓަނޭޝަނަލް ބުކް ފެއާ (އެސް.އައި.ބީ.އެފް) ގެ ހަވާސާގައި ދިން އިންޓަވިއުއެއްގައި ހާވީ މިކަން ހާމަކުރީ، ޔޫއޭއީގެ ސުޕްރީމް ކައުންސިލްގެ މެންބަރު އަދި ޝާރުޖާގެ ވެރިޔާ ޝައިޚް ޑރ. ސުލްޠާން ބިން މުހައްމަދު އަލް ގާސިމީއާ ބައްދަލުކުރެއްވުމަށްފަހުގައެވެ.
ދަރިފުޅުގެ މި ވިސްނުމާ ގުޅޭގޮތުން ވާހަކަދައްކަމުން ހާވީ ބުނީ، ދަރިފުޅު އިސްލާމްދީނަށް ޝައުގުވެރިވުމަކީ އޭނާއަށް އެއްވެސް ހައިރާންކަމެއް ގެނުވި ކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ ހަގު ދަރިފުޅާއި މެދުއިރުމައްޗާ ދެމެދު ޚާއްސަ ގުޅުމެއް އޮންނާނެކަން ކުރިންވެސް އިހުސާސްކުރެވުނު ކަމަށާއި، އެ ދަރިފުޅަށް "އަލީ" ގެ ނަމުން ނަން ދިނީވެސް އެ ސަބަބާހުރެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ޝާރުޖާގެ ވެރިޔާއާ ބައްދަލުވުމަކީ އޭނާގެ އަމިއްލަ ހަޔާތަށްވެސް ލިބުނު ވަރަށް މުހިންމު ފިލާވަޅެއް ކަމަށް ސިފަކުރަމުން ހާވީ ބުނީ، އެ ބައްދަލުވުމުގައި އިސްލާމްދީނުގެ އެންމެ މުހިންމު އަސާސް ކަމުގައިވާ ތައުހީދު ނުވަތަ މާތްﷲ ގެ އެއްކައުވަންތަކަމާ ގުޅޭގޮތުން ލިބުނު މައުލޫމާތުތަކުގެ ސަބަބުން، އިސްލާމްދީނާ މެދު އޭނާގެ ވިސްނުން އެންމެ ދުވަހެއްގެ ތެރޭގައި މުޅިން ބަދަލުވެ، ދީން ރަނގަޅަށް ދެނެގަތުމަށް މަގުފަހިވި ކަމަށެވެ.
ޝާރުޖާއަކީ ތައުލީމާއި ސަގާފަތަށް އިސްކަންދޭ، އާއިލާތަކަށާއި ވިޔަފާރިވެރިންނަށް ވަރަށް ހިތްގައިމު އަދި އަމާން މަންޒިލެއް ކަމަށް ބުނެ ހާވީ ވަނީ އެ ސިޓީއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި މި ދަތުރަކީ އޭނާގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް ގެނުވި ދަތުރެއްކަން ފާހަގަކޮށް، އެހެން މީހުންވެސް ޝާރުޖާއަށް ޒިޔާރަތްކުރުމަށް އޭނާ ހިތްވަރުދިނެވެ.




