ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ "ފަތްމިނި" ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ރޯވި ނުރައްކާތެރި އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ގައުމީ ދިފާއީ ބާރުންނާއި އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ގާތްގަނޑަކަށް ހެނދުނު 11:00 ޖަހާކަށްހާއިރު އަލިފާން ފެތުރުން އެއްކޮށް ކޮންޓްރޯލް ކުރެވި، އެމްއެންޑީއެފުން ވަނީ އަލިފާނުގެ 90 އިންސައްތަ ކޮންޓްރޯލް ކުރެވިފައިވާކަން ކަށަވަރުކޮށްދިނެވެ.
މި ހާދިސާގައި އަލިފާންގަނޑު ނިއްވާލެވުނީ އެއާޕޯޓް ފަޔަރފައިޓަރުންނާއި ފުލުހުން އަދި އާންމު ރައްޔިތުން ކުރި މަސައްކަތުގެ އިތުރުން، ހދ. ކުޅުދުއްފުށިން ދިޔަ އެމްއެންޑީއެފް ފަޔަރ ޓީމާއި ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓުގެ ފަޔަރ ޓީމުން ފޯރުކޮށްދިން އެހީތެރިކަމާއެކުގައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރި ގޮތުގައި އަލިފާނުގެ އަސަރު އެ ސަރަހައްދުގައި ހުރި 4 ގެޔަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ކޮށްފައިވެއެވެ. މީގެ ތެރެއިން 1 ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އިތުރު 3 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކޮށްގެންނާއި، ފިހިގެން އަދި އެކިކަހަލަ އަނިޔާ ލިބިގެން 20 މީހަކަށް އެރަށު ސިއްހީ މަރުކަޒާއި ހޮސްޕިޓަލުގައި ފަރުވާދިނެއެވެ. އަދި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، ބައެއް މީހުން ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެއިތުރުން ހާދިސާ ހިނގި ސަރަހައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ ގޭގޭގައި ތިބި މީހުން ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފއެވެ.
ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާއާ ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ފުނަދޫ ކައުންސިލުން ހާލަތު އިތުރަށް ބަލައި މޮނީޓަރ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެންޑީއެމްއޭ އިން ދަނީ މި ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިސްނަގައިގެން ކުރިއަށްގެންދަމުންނެވެ.





