ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި ދީނީ، އަސްކަރީ އަދި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެއެވެ.
މި އަހަރުގެ ނަސްރުގެ ދުވަހުގެ މައިގަނޑު ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3 ވަނަ ދުވަހުއެވެ. އެ ދުވަސް ފެށުމަކަށްޓަކައި ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއަތުގައި ފަތިސް ނަމާދުކުރުން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ. އޭގެ ފަހުން ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އަދި އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި އާންމުންނަށް ހުޅުވާލައިގެން ސިފައިންގެ އަސްކަރީ ހުށަހެޅުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އެ ދުވަހުގެ ރޭ ބާއްވާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ސިފައިންގެ ގައުމީ ލަވަ އަލްބަމެއް ނެރުމަށްވެސް ވަނީ ނިންމާފައެވެ.
މާލެއާ އެއްފަދައިން އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައިވެސް ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި، ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ނަސްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މި ހަރަކާތްތަކުގެ އިތުރުން، 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ހއ. ދިއްދޫ ޗާންދަނީއާގެ ޝަހީދު އުމަރު އަހްމަދާއި، ހއ. ބާރަށު ސޯސަން ޝަހީދު އިބްރާހީމް ހުސައިންގެ ހަނދާނާ ގުޅުވައިގެން ހާއްސަ ހަރަކާތްތަކެއް އެ ރަށްރަށުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހއ. ދިއްދޫގައި ސިފައިންގެ ފޮޓޯ މައުރަޒާއި، އަސްކަރީ ހުށަހެޅުމާއި، ކުޑަކުދިންގެ ހަވީރު ނޮވެންބަރު 13 އަދި 14 ގައި ބާއްވާނެއެވެ. އަދި ހއ. ބާރަށުގައި މި ހަރަކާތްތައް ކުރިއަށްދާނީ ނޮވެންބަރު 20 އަދި 21 ގައެވެ.




