ށ. ފުނަދޫ "ފަތްމިނި" ޕެޓްރޯލް ޝެޑުގައި ރޯވި ނުރައްކާތެރި އަލިފާންގަނޑު މިއަދު ހެނދުނު 11:58 ހާއިރު މުޅިން ނިއްވާލެވިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވިދާޅުވެއްޖެއެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށްފަހު، އަލުން އަލިފާން ރޯވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ފިނިކުރުމުގެ މަސައްކަތްތަކާއި ސަލާމަތީގޮތުން ބަލަންޖެހޭ ކަންކަން ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން މިހާރު ދަނީ ސިލްސިލާކޮށް ބަލަހައްޓަމުންކަމުގައި ނޭޝަނަލް ޑިސާސްޓަރ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. މީގެއިތުރުން އެ ސަރަހައްދުގައި ހުރި ގޭބިސީތަކަށް ދިމާވެފައިވާ ކުއްލި ނުރައްކާ ވަނީ މުޅިން ކޮންޓްރޯލް ކުރެވިފަކަމުގައި އެންޑީއެމްއޭއިން ހާމަކުރިއެވެ.
މި އަލިފާންގަނޑު ނިއްވާލުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި އެމްއެންޑީއެފް ނޮދަރން އޭރިއާ ކޮމާންޑް – ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެންއޭސީ-އެފްއާރްއެސް)، ފުނަދޫ އެއާޕޯޓް ފަޔަރ އެންޑް ރެސްކިޔު ޓީމު، މޯލްޑިވްސް ޕޮލިސް ސަރވިސް، ފުނަދޫ ކައުންސިލް އަދި ފުނަދޫ ސްކޫލް ކެޑޭޓުން އިސްނަގައިގެން އަމަލީގޮތުން ބައިވެރިވެ، ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަކަމުގައި އެ އިދާރާއިން ބުންޏެވެ. އެފަރާތްތަކުން ކުރި ހިތްވަރުގަދަ މަސައްކަތުން އަލިފާންގަނޑު އިތުރަށް ފެތުރިގެން ދިޔަނުދީ ވަނީ ނިއްވާލާފައެވެ.
މި ހާދިސާގައި ޖުމްލަ 18 ފަރާތަކަށް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. މީގެ ތެރޭގައި 16 އާންމު ރައްޔިތުންނާއި، 1 ފަޔަރ ފައިޓަރުގެ އިތުރުން 1 ހޮސްޕިޓަލް މުވައްޒަފަކު ހިމެނެއެވެ. ނަމަވެސް، އެއްވެސް މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. މިވަގުތު 4 ފަރާތަކަށް ށ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ހާލަތު ބަދަލުވަމުންދާ ވަރަކަށް އަނިޔާވި ފަރާތްތަކުގެ އަދަދުތަކާއި ގެއްލުންތަކުގެ ތަފްސީލުތަކަށް ބަދަލުއައުން އެކަށީގެންވާ ކަމަށް އިދާރާތަކުން ބުނެއެވެ.
މި އަލިފާނުގެ ހާދިސާގައި ޖުމްލަ 5 ގޭބިސީއަކަށް އަސަރުކޮށްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖުމްލަ 33 ރައްޔިތުން ރައްކާތެރި އެހެން ތަންތަނަށް ބަދަލުކޮށްފަވާކަމުގައި އެ އިދާރާއިން ހާމަކުރިއެވެ. ކަމާބެހޭ އިދާރާތަކުން ދަނީ އަސަރުކުރި ގޭބިސީތަކާއި ހުސްކުރެވުނު މީހުންގެ އިތުރު ތަފްސީލުތައް އެއްކޮށް، ހާލަތު މޮނީޓަރުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް ކުރިއަށްދާކަން ކަށަވަރުކުރަމުންނެވެ.





