ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ހެނދުނު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ކައިރީގައި ހުރި 5 ގަރާޖަކަށާއި 4 ގެއަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު އަލިފާން ރޯވެފައިވަނީ އެ ރަށުގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ "ފަތްމިނި" ޕެޓްރޯލް ޝެޑުގައެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވާ މީހުން ބުނި ގޮތުގައި އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރި، ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ބޮޑުވެފައެވެ. އަދި ޕެޓްރޯލް ޝެޑު ކައިރީގައި ހުރި ގަރާޖުތަކާއި ގެތަކުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާ އަދިވެސް އެއްކޮށް ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށެވެ. އަދި އަލިފާނުގެ އަސަރު އެ ސަރަޙައްދުގައި ހުރި 4 ގެޔަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގެ ގެތަކުން މީހުން މިހާރު ވަނީ ހުސްކުރެވިފައެވެ. ނަމަވެސް، މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެ ރަށު އެއާޕޯޓުގެ ފަޔަރ ފައިޓަރުންނާއި، ފުލުހުން އަދި ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދަނީ ހުއްޓުމެއްނެތި ހަރަކާތްތެރިވަމުންނެވެ.
މީގެ އިތުރުން، އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނާއި ހދ. ކުޅުދުއްފުށީގައި ތިބޭ ފަޔަރ ޓީމު މިހާރު ވަނީ ފުނަދޫއަށް ދިއުމަށް ދަތުރު ފަށާފައެވެ. ސިފައިން އެ ރަށަށް ދިއުމުން އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރުމުގެ އޮޕަރޭޝަން އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން އަދި މަސައްކަތް ފަށާފައެއް ނުވެއެވެ. މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ އަލިފާންގަނޑު އިތުރަށް ފެތުރިގެން ދިޔަނުދީ ކޮންޓްރޯލް ކުރުމަށެވެ.




