ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ޖުމްލަ 18 މީހަކަށް އަނިޔާވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ފުނަދޫ ޕެޓްރޯލް ޝެޑެއްގައެވެ.
ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ވަނީ އަވަހަށް ފެތުރި، އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް ފެތުރިފައެވެ. މި ހުރިހާ ތަންތަނަށް ވަނީ ބޭނުންނުކުރެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޕުލުހުންގެ ތަރުޖަމާނު ޝިޔަމް ވިދާޅުވި ގޮތުގައި، މި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. އަދި އަނެއް 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުންނެވެ.
މި ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އިތުރު ރައްކާތެރިކަން ކަށަވަރުކުރުމަށް ބަންދުކޮށްފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަހުގީގުގައި އެހީތެރިވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ގެ ހާއްސަ ޓީމެއް ށ. ފުނަދޫއަށް މާދަމާ ހެދުނު ދިއުމަށް ވަނީ ހަމަޖެހިފައެވެ.



