ތިން ވުޒާރާއެއް އަނދައިގެންދިޔަ އަލިފާނުގެ ހާދިސާ: އަލިފާން ރޯވި ސަރަހައްދު ދެނެގަތުމަށް އެންމެ ބޮޑު ހުރަހަކަށްވީ ކަރަންޓު ވަޔަރިންގެ ގޮތް
މާލެ: 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ސަރުކާރުގެ ތިން ވުޒާރާއެއްގައި ރޯވެ އަނދައިގެންދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރެއްވި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ނަރުތައް ވަރަށް ދަތި ދޭތެރެތަކުގައި ހުރުމުގެ ސަބަބުން ކަމަށެވެ. އަދި އަލިފާން ރޯވި މައިގަނޑު ސަރަހައްދު ދެނެގަތުމަށް ފަޔަރ ފައިޓަރުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހުނީ އިމާރާތުގެ ކަރަންޓު ވަޔަރިންގެ މަސައްކަތްކޮށްފައިވާ ގޮތުން ކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ބޭރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ތަހުގީގަށްފަހު ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ހާދިސާ ހިނގި ވަގުތުގެ ވީޑިއޯ ފޫޓޭޖްތަކާއި ފޮޓޯތައް އާންމުކޮށްފައެވެ. ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ހައުސިންގ މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީ ހުންނަ ދެ އިމާރާތުގެ ދޭތެރެއިން އަލިފާން ރޯވެފައި ހުއްޓާ ފުރަތަމަ ފެނުނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސެކިއުރިޓީއަށެވެ.
ހާދިސާ ހިނގި ގޮތް ތަފްސީލުކުރަމުން ފުލުހުން ވިދާޅުވީ، އެ ސެކިއުރިޓީ އޮފިސަރަށް ގުޅާނެ ވަކި އިދާރާއެއް ނޭނގިގެން އުޅެނިކޮށް، މަގުމަތިން ފެނުނު އެމްއެންޑީއެފްގެ އޮފް ޑިއުޓީ އޮފިސަރެއްގެ އެހީތެރިކަމާއެކު ފަޔަރ އެންޑް ރެސްކިއުއަށް އެންގުމުން، ސީންއަށް އައިސް ފަޔަރ ފައިޓަރުން ވަނީ އިމާރާތުގެ ތިރީ ފަންގިފިލާގެ ސީލިންގާއި ފުރަތަމަ ފަންގިފިލާގެ ޑެކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލާފައެވެ.
ތަހުގީގަށް ހޯދިފައިވާ މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި، އިމާރާތުގެ ކަރަންޓު ވަޔަރިންގެ މަސައްކަތްކޮށްފައިވާ ގޮތުގެ ސަބަބުން، ނަރުތަކުގެ ފޮރެންސިކް ތަހުލީލުތަކުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވެއެވެ. އަދި އެ އިމާރާތުގެ ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓު މައްސަލަތަކެއް ހުރިކަން އެ ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ބަޔާންތަކުންވެސް ވަނީ އެނގިފައެވެ. މި ތަހުގީގަށް 14 ކެމެރާއަކުން 676 ގަޑިއިރުގެ ފުޓޭޖް އެނަލައިޒްކޮށްފައިވެއެވެ.
"މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުން އެއްވެސް މީހަކު ގަސްތުގައި އަލިފާން ރޯކޮށްލާފައިވާކަމުގެ އެއްވެސް ކަމެއް ފާހަގަވެފައިނުވޭ"
ހެޑް އޮފް މޭޖަރ ކްރައިމްސް އިންވެސްޓިގޭޝަންސް ސުޕަރ އިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު
ތަހުގީގުގެ މައުލޫމާތު ހިއްސާކުރައްވަމުން ހެޑް އޮފް މޭޖާރ ކްރައިމްސް އިންވެސްޓިގޭޝަންސް، ސުޕަރ އިންޓެންޑެންޓް އޮފް ޕޮލިސް، އަބްދުﷲ ރަޝީދު ވިދާޅުވީ ތަހުގީގުތަކަށް ބަލާއިރު އެއްވެސް މީހަކު ގަސްތުގައި އަލިފާން ރޯކޮށްލާފައިވާކަމުގެ އެއްވެސް ކަމެއް ފާހަގަވެފައިނުވާ ކަމަށެވެ. އަދި އޮފީސް ބަންދުކުރި ވަގުތުން ފެށިގެން އަލިފާނުގެ ހާދިސާ ހިނގުމާ ދެމެދު އިތުރު އެއްވެސް ފަރާތަކުން އެ އިމާރާތަށް ވަދެފައިނުވާކަންވެސް ވަނީ ކަށަވަރުވެފައެވެ.
މި ހާދިސާގައި ސަރުކާރުގެ ތިން ވުޒާރާއެއް އެއްކޮށް އަނދައިގެން ގޮސްފައިވާއިރު، އިންޝުއަރެންސް ކޮށްފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ އިމާރާތް އެކަންޏެވެ. މީގެއިތުރުން، މި އަލިފާނުގެ އަސަރުކޮށް ކައިރީގައި ހުރި 3 ގެއެއްގެ 9 އެޕާޓްމަންޓަކަށާއި 2 ފިހާރައަކަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފަވާކަމުގައި ފުލުހުން ހާމަކުރިއެވެ. ފުލުހުން ވަނީ ކަރަންޓު ވަޔަރިން މައްސަލަތައް ވަރަށް ގިނައިން ފެންނަކަމަށް ފާހަގަކުރައްވާ، އެފަދަ މައްސަލަތައް ދެނެގަނެވުނުހާ އަވަހަށް ހައްލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.









