އަމީނީމަގުގައި ހުރި ސަރުކާރުގެ ތިން މިނިސްޓްރީއެއްގައި 12 ޑިސެމްބަރު 2024 ގައި ހިނގި އަލިފާނުގެ ހާދިސާއަކީ ގަސްތުގައި ރޯކޮށްލި އަލިފާނެއް ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކީ ސިޔާސީ ގޮތުން ދެއްކެވި ހަގީގަތެއް ނެތް ވާހަކަތަކެއްކަން ހާމަވެއްޖެއެވެ.
ޕީއެންއެފް ޖަލްސާގައި ރައީސް ޔާމީން ކުރެއްވި ބޮޑެތި ތުހުމަތުތަކާ ގުޅިގެން، ހޯމް މިނިސްޓަރު އަލީ އިހްސާންގެ އެންގެވުމަށް ފުލުހުން ތަހުގީގެއް ފަށައި، ސެޕްޓެމްބަރު 7 ގައި ރައީސް ޔާމީން ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވުމުން އެމަނިކުފާނު ވަނީ ޗިޓު ބަލައިގަންނަން ދެކޮޅު ހައްދަވާފައެވެ. އަދި އޭގެފަހުން ލިޔުމުން ދެއްވި ޖަވާބެއްގައި، ފުލުހަށް ހާޒިރުވާންޖެހޭ ފަދަ އިތުރު މައުލޫމާތެއް ނުވަތަ ހެއްކެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ޕޯޑިއަމްގައި ދެއްކެވި ވާހަކަފުޅުތަކާ އެމަނިކުފާނު ވަނީ މުޅިން ހިލާފުވެވަޑައިގެންފައެވެ.
ފުލުހުންނާއި ބައިނަލްއަގުވާމީ ފޮރެންސިކް މާހިރުންގެ ސައިންޓިފިކް ތަހުގީގުން ކަށަވަރުވެފައިވަނީ އެއީ އިލެކްޓްރިކަލް ޝޯޓް ސާކިޓެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށާއި، އެއްވެސް މީހަކަށް ޖިނާއީ ތުހުމަތެއް ކުރެވޭ ފަދަ ހެއްކެއް ނެތް ކަމަށެވެ. އެހެންކަމުން، ޔާމީން ދެއްކި ވާހަކައަކީ ސަރުކާރު ބަދުނާމުކޮށް ފިތުނަ އުފެއްދެވުމަށް ދެއްކެވި ވާހަކަތަކެއްކަން މިވަނީ ސާބިތުވެފައެވެ.
ފުލުހުންގެ ބަޔާން ނިންމާލަމުން ވަނީ، މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލޭފަދަ ސައްހަނޫން މައުލޫމާތު ނުފެތުރުމަށާއި ގާނޫނީ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.









