ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުގެ ނުރައްކާ އިންތިހާއަށް ބޮޑު ޖަޒީރާ ގައުމަކަށް ވުމާއެކު، ރައްޔިތުންގެ ބައިވެރިވުން ހިމެނޭ އަދި ރައްޔިތުންގެ ހާޖަތްތަކަށް އިސްކަންދޭ ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމަށް ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ކާރިސާތަކުން ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި މި ބައްދަލުވުމަކީ "ނޭޝަނަލް އާރލީ ވޯނިންގ ރޯޑްމެޕް ކޯޑިނޭޝަން މީޓިންގ" ގެ ނަމުގައި ކުރިއަށްދިޔަ މުހިންމު ހަރަކާތެކެވެ.
މި ބައްދަލުވުމުގެ ތެރެއިން ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކާއި ސްޓޭކްހޯލްޑަރުން ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމުގައި އިސްކަންދޭންވީ މުހިންމު ކަންކަން އެއް މިސްރާބަކަށް ގެނައުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމުގައި އެ ވުޒާރާއިން ހާމަކުރެއްވިއެވެ. އަދި މި މަސައްކަތްތައް އަމަލީ ގޮތުން ތަންފީޒުކުރުމަށްޓަކައި ހަރުދަނާ މަގުޗާޓެއް އެކުލަވައިލުމަށް މުހިންމު ނިންމުންތަކެއްވެސް ވަނީ ނިންމަވާފައެވެ. ސަރުކާރުން މީގެ ކުރިންވެސް ކާރިސާތަކުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަސައްކަތްތައް ކޮށްފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
އެކުލަވައިލުމަށް ނިންމާފައިވާ މަގުޗާޓުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ކާރިސާތަކަށް ކެތްތެރި މުޖުތަމައެއް ބިނާކުރުން ހިމެނެއެވެ. މީގެއިތުރުން، ލިބެންހުރި ސައިންޓިފިކް މައުލޫމާތާއި ޑޭޓާގެ އަލީގައި ކުރިމަތިވެދާނެ ނުރައްކާތައް ދުރާލާ ދެނެގަނެ، ހިރާސްތަކަށް ބިނާކޮށް ރޭވުންތެރިކަމާއެކު ދުރާލާ ފިޔަވަޅުތައް އެޅުމުގެ ނިޒާމެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވިއެވެ.
މި މަގުޗާޓުގެ ދަށުން ކުރިއަށް އޮތް ތަނުގައި ކުރުމަށް ރޭވިފައިވާ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ އެންމެ ދުރު ރަށްރަށާއި، ވަކިން ދިރިއުޅޭ ރައްޔިތުންނާ ހަމައަށްވެސް އެއްވެސް ލަސްވުމެއްނެތި ކާރިސާގެ އިންޒާރު ފޯރުކޮށްދިނުމެވެ. އެގޮތުން، ކޮންމެ މީހަކަށްވެސް ފަސޭހައިން ދޭހަވާނެ ގޮތެއްގައި ކާރިސާގެ އިންޒާރުގެ މައުލޫމާތު ވަގުތުން ވަގުތަށް "އެންމެ ފަހު މީހާއާ ހަމައަށް" ފޯރުކޮށްދެވޭނެ އަމަލީ ނިޒާމެއް ތަރައްގީކުރުމަށް ސަރުކާރުން އަމާޒުހިފާފައިވާ ކަމުގައިވެސް ހާމަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ބައްދަލުވުމަކީ ރާއްޖޭގެ ކާރިސާތަކުން ރައްކާތެރިވުމުގެ ގައުމީ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށް އެޅުނު އުންމީދީ ފިޔަވަޅެކެވެ. މީގެ މައިގަނޑު ބޭނުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ރައްކާތެރި އަދި އަމާން މާހައުލެއް ކަށަވަރުކޮށްދިނުން ކަމަށްވާތީ، މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ވަނީ ނިންމަވާފައެވެ.





