ރާއްޖޭގެ 42 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ލިޓަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުންނާއި ލިޓަސް ކޮންސްޓްރަކްޝަންގެ އިސްވެރިން ވަނީ ސޮއިކުރައްވާފަ އެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ 42 ރަށުގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށާއި ވަސީލަތްތައް އަލުން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެ މަރުކަޒުތަކަށް ކޮންމެހެން ބޭނުންވާ އެންމެހައި މެޝިނަރީޒާއި އިކުއިޕްމަންޓް ފޯރުކޮށްދިނުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދިއުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ރަށްތަކުގައި ބޮޑުވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ އަދި ތިމާވެއްޓާ ރައްޓެހި ހައްލެއް ހޯދައިދިނުމެވެ. އަދި ރަށްރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ލޯކަލް ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަކީ ވެސް މި މަޝްރޫއުގެ މުހިންމު ބޭނުމެކެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ ރަށަކާއި އެކަށޭނަ ގޮތެއްގައި ކުނި މެނޭޖްކުރާނެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
މި މަޝްރޫއަކީ ސަރުކާރުން ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށްރަށުގެ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ހިންގުމަށް ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރި އެވެ.



