ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ވަގުތީ ހައްލުތަކުގެ ބަދަލުގައި ދާއިމީ ހައްލުތަކެއް ހޯދުމަށްޓަކައި ސައިންޓިފިކް ދިރާސާތަކަށް ބިނާކޮށް، ގުޅުންހުރި ގަވާއިދުތަކާއި މިންގަނޑުތައް އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 10 ވަނަ އެޕިސޯޑުގައި ޕީއެސްއެމް އެއާ މެދުވެރިކޮށް އާންމު ރައްޔިތަކު ފޮނުވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ތިމާވެށްޓާއި އިންޖިނިއަރިންގ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްގެން ތިބި ގިނަ އަދަދެއްގެ ދިވެހި މާހިރުންނާއި ސްޕެޝަލިސްޓުން މިހާތަނަށް ދާއިރާގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެހެންކަމުން، ރަށްރަށުގެ ބަނދަރުތަކާއި ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ޑިޒައިންކުރުމުގައި ސައިންސްގެ އަލީގައި ދިރާސާތައްކޮށް، ސައިންޓިފިކް އެސެސްމަންޓްތައް ބޭނުންކުރުމުގެ ފުރުސަތު މިހާރު ބޮޑުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިސާލެއްގެ ގޮތުން ކްރޮސްރޯޑްސް ތަރައްގީކުރުމުގައި ބޭނުންކުރި ނިއުމެރިކަލް މޮޑެލްތަކާއި ސައިންޓިފިކް ދިރާސާތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެއީ އަގުބޮޑު މަސައްކަތެއްކަމުގައި ވީނަމަވެސް، އެފަދަ ދިރާސާތަކުގެ ސަބަބުން ދާއިމީ ގޮތެއްގައި ގިނަ ދުވަހަށް ދެމިގެންދާނެ ފުރިހަމަ ޑިޒައިންތައް އެކުލަވާލެވޭ ކަމަށެވެ.
ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއި ހައުސިންގ މިނިސްޓްރީ ގުޅިގެން "ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން" ޕްރޮގްރާމްގެ ދަށުން ކޯސްޓަލް ޕްރޮޓެކްޝަނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް ބަދަލުގެންނަވަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ދާއިރާއިން ކިޔަވައިގެން ތިބި ތަޖުރިބާކާރުންގެ އިލްމާއި ހުނަރުގެ ބޭނުން ހިފައިގެން، ކުރިއަށް އޮތް ތަނުގައި ގަވާއިދުތަކާއި ގައިޑްލައިންތައް އިތުރަށް ފުރިހަމަކޮށް، ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ރަނގަޅު ގޮތުގައި ކުރިއަށްގެންދިއުން،" މިނިސްޓަރު ވިދާޅުވިއެވެ.





