ގައުމިއްޔަތު މާއްދާގެ ތެރެއަށް ދިވެހި ކާބަފައިންގެ ތާރީހާއި، ގައުމިއްޔަތުގެ މުހިންމު ބަހާތަކުގެ އިތުރުން ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އަހުލާގާއި ސުލޫކު އިތުރަށް އެކުލަވާލައި، ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ މާއްދާ އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދާ "އަހާ" ފޯރަމްގައި، ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލްތަކުގައި ކިޔަވައިދިނުމުގެ މަސައްކަތް ގޮސްފައިވާ މިންވަރާ ގުޅޭގޮތުން ޓީމްސް މެދުވެރިކޮށް އާންމުފަރާތަކުން ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރު، 2024 ވަނަ އަހަރުން ފެށިގެން އެކި ކީ-ސްޓޭޖުތަކަށް ގައުމިއްޔަތު މާއްދާ ތައާރަފުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ ކީ-ސްޓޭޖް 1 އަދި 2 އަށް މި މާއްދާ ކިޔަވައިދޭން ފެށުމަށްފަހު، މިހާރު ވަނީ ކީ-ސްޓޭޖް 3 އާ ހަމައަށް ތައާރަފުކުރެވިފައެވެ. އަދި މިހާތަނަށް މި މާއްދާ ކިޔަވައިދިނުމުން ލިބުނު ތަޖުރިބާއާއި މައުލޫމާތަށް ބަލައި، އަންނަ އަހަރުން ފެށިގެން މި މާއްދާއަށް ކުދިކުދި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މި ބަދަލުތަކަކީ މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވި މުހިންމު ނުކުތާތަކުގެ މައްޗަށް ބިނާކޮށް ގެނެވޭ ބަދަލުތަކެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އާދަކާދަތަކާއި ގައުމިއްޔަތުގެ މުހިންމު ބަހާތައް ހިމެނޭ ގޮތަށް ފަށާފައިވާ "ބިންގާ" ޕްރޮގްރާމުގެ ދަށުން، ކޮންމެ މަހަކު ތީމެއް އެކުލަވާލައިގެން 200 އަށްވުރެ ގިނަ ސްކޫލުގައި ދަރިވަރުން ބައިވެރިވާ 15,700 އަށްވުރެ ގިނަ ހަރަކާތް މިހާތަނަށް ހިންގާފައިވެއެވެ.
އަންނަ އަހަރުން ފެށިގެން ގެނެވޭ ބަދަލުތަކާއެކު، ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ގައުމިއްޔަތު މާއްދާގެ ތެރެއަށް ދިވެހި ކާބަފައިންގެ ތާރީހާއި، ގައުމިއްޔަތުގެ މުހިންމު ބަހާތަކުގެ އިތުރުން، ކާބަފައިންގެ ފަރާތުން ލިބިފައިވާ ރިވެތި އަހުލާގާއި ސުލޫކު އިތުރަށް އެކުލަވާލައި، މާއްދާ އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.




