ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ "އަހާ" ފޯރަމް މިރޭ 21:00 ގައި ޓީވީއެމް މެދުވެރިކޮށް ކުރިއަށްދާނެއެވެ. އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ދެ ގަޑިއިރުގެ ފޯރަމުގައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި ކުރިއަށްދާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރާނެއެވެ.

މިރޭގެ ފޯރަމުގައި ސަރުކާރުގެ ހަތަރު ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ބޭފުޅުންނަކީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި، ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރު އިސްމާއިލް ޝަފީއު، ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ރައްޔިތުންނަށް ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސްގެން ނުވަތަ ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ސުވާލު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ މި ސިލްސިލާގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.