ރާއްޖޭގެ ބޭރުގެ ދަރަނިތައް ދެއްކުމަށްޓަކައި ކުރިއާލައި ތައްޔާރުވެ، އެކަމަށް ބޭނުންވާ ހާއްސަ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާތީ، ކުރިއަށްއޮތް ތަނުގައި ދަރަނި ދެއްކުމުގައި ނޫފުލޭވަރުގެ ބުރައެއް ކުރިމަތިވާނެ ކަމަށް ނުފެންނަ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމުގެ 10 ވަނަ އެޕިސޯޑުގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ދަރަނި ދެއްކުމުގެ ޕްލޭނާ މެދު ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ދަރަނި ދައްކަންޖެހޭ މުއްދަތުތަކަށް އިސްކަން ދީގެން ކުރިއާލައި ތައްޔާރުވުން ކަމަށެވެ. އެގޮތުން ސޮވްރެއިން ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް) ފައިސާ ޖަމާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދައުލަތުގެ ބޮޑެތި ދަރަނިތަކަކީ ބޭރު ފައިސާއިން ދައްކަންޖެހޭ ދަރަނިތަކަކަށްވާތީ، ގާނޫނުތަކަށް ގެންނަ ބަދަލުތަކުގެ ތެރެއިން ދައުލަތަށް ބޭރު ފައިސާ ލިބޭނެ އިތުރު މަގުތައް ފަހިކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި އަހަރު ނިމުމަށްފަހު، އެހާ ބޮޑެތި ދަރަނިތަކެއް އެއްފަހަރާ ދައްކަންޖެހޭ ޒިންމާއެއް ނެތްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށްއޮތް ތަނުގައި ދައްކަން ހުރި ދަރަނިތަކަކީ ދައުލަތަށް ލިބޭ އާމްދަނީން މެނޭޖްކުރެވޭނެ އަދަދުތަކެއް ކަމަށެވެ.
"މި އަހަރުގެ ތެރޭގައި ދަރަނި ދެއްކުމުގައި ދިމާވި ގޮންޖެހުންތައް އެ ލެވެލްއަކަށް ކުރިއަށްއޮތް ތަނުގައި ދިމައެއް ނުވާނެ. ސަރުކާރުން އަންނަނީ އާމްދަނީ އިތުރުކުރުމުގެ މެޝަރސްތަކާއި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅައި، ދައުލަތުގެ ފިސްކަލް ހާލަތު ރަނގަޅު މިސްރާބަށް ގެންދިއުމަށް މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.




