ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާ ފޯރަމްގެ 9 ވަނަ ބައްދަލުވުން މިރޭ 21:00 ގައި ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެ ގަޑިއިރުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމަކީ، ސަރުކާރުގެ އެކި މިނިސްތްރީތަކާއި އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތަފުސީލުތައް ހާމަކުރުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް މިނިސްތަރުންގެ އަރިހުން ސީދާ ޖަވާބު ހޯދައިދިނުމުގެ މަޤުޞަދުގައި ބާއްވާ ފޯރަމެކެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ:
- މިނިސްޓަރ އޮފް ހެލްތު، ގީލާ އަލީ
- މިނިސްޓަރ އޮފް ޓޫރިޒަމް، މުހައްމަދު އަމީން
- ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްތަރު، ހީނާ ވަލީދު
މި ފޯރަމަށް ހާޒިރުވެގެން ސުވާލުކުރުމުގެ ފުރުސަތުގެ އިތުރުން، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށް ވެސް ސުވާލު ހުށަހެޅޭނެއެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުއްވުމަށް "AH" ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވައި، ސުވާލު ލިޔުއްވުމަށްފަހު 300 އަށް މެސެޖު ކުރެއްވުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މިހާތަނަށް ކާމިޔާބު 8 ފޯރަމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުންތަކުގެ ޒަރީއާއިން ސަރުކާރުގެ ސިޔާސަތުތަކާއި ހިންގުމުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށް، ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންތައް ވަނީ ރައްޔިތުންނާ ހިއްސާކޮށްފައެވެ. އެންމެ ފަހުން ބޭއްވުނު ފޯރަމްގައި ބައިވެރިވެވަޑައިގެންނެވީ ބަންޑާރަނައިބު އަހްމަދު އުޝާމާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.
ކުރިއަށް އޮތް ތަނުގައިވެސް "އަހާ" ފޯރަމް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ކޮންމެ މިނިސްޓަރަކާ ސުވާލުކުރުމުގެ ފަހި ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ދެފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި ވެރިކަން ހިންގުމާއެކު، ރައްޔިތުންނަށް ޖަވާބުދާރީވުމުގެ މަތިވެރި ސަގާފަތް ދަމަހައްޓައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯއްދަވައިދެއްވުމެވެ.





