ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިއްޔާ ވިދާޅުވެއްޖެ އެވެ. މަރުހޫމަކީ 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ދިވެހިރާއްޖެ ދިފާއުކުރުމަށް ސިފައިންގެ މައި މަރުކަޒުގައި ހުންނަވައިގެން ހިތްވަރާއެކު އެންމެ ކުރީ ސަފުގައި ޖިހާދުކުރެއްވި ބޭފުޅެ ކެވެ.
ސިފައިންގެ ތަމްރީނުތަކާއި އަސްކަރީ ހެވިކަން ކުރިއެރުވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި މަރުހޫމަކީ ތަފާތު ޔުނިޓްތައް ހިންގެވި ސިފަވަންތަ ކޮމާންޑަރެ ކެވެ. އަދި ސިފައިންގެ ދިގު ހިދުމަތުގައި ހިންގި ހާއްސަ އޮޕަރޭޝަންތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން އިހުލާސްތެރި ހިދުމަތްތަކެއް ކުރެއްވި އެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި މަރުހޫމްގެ އާއިލާއަށާއި ދިވެހި ސިފައިންނަށް ތައުޒިޔާ ފޮނުވައި، މާތް ﷲ ގެ ތަނަވަސް ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް ލެހެއްޓެވުން އެދި ރައީސް ކުރެއްވި ޕޯށތުގައި ވަނީ ދުއާކޮށްފަ އެވެ.



