އީގަލް ހިލްސްއާއެކު ވެވުނު ބައިވެރިވުމުގެ ދަށުން ރަސްމާލެއިން ދޫކުރި 500 ހެކްޓަރުގެ ބިމުގެ އަގަކީ 24 ބިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، އެ ބިން ދޫކޮށްލާފައިވަނީ ހިލޭ ކަހަލަ ގޮތަކަށް ކަމަށް ބުނެ "ދައުރު" ނޫހުގައި ޝާއިއުކުރި ރިޕޯޓަކީ އިގްތިސާދީ އަދި ބިން ތަރައްގީކުރުމުގެ ހަގީގަތްތަކާ މުޅިން ހިލާފު ރިޕޯޓެއް ކަމަށް ވިދާޅުވެ އިމާރާތްކުރުމާއި ބިނާރާ ބެހޭ މިނިސްޓަރު އަބްދުއްﷲ މުއްތަލިބު ލިންކްޑްއިންގައި ޝާއިއުކުރެއްވި މަގާލާއެއްގައި ރައްދު ދެއްވައިފިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބިމަކީ ދައުލަތުގެ އެންމެ އަގުހުރި ވަސީލަތް ކަމަށް ގަބޫލުކުރެއްވި ނަމަވެސް، އަގު ވަޒަންކުރަންޖެހޭނީ ހަގީގީ މަޝްރޫއުތަކާ އަޅާކިޔައިގެންނެވެ.
އެ ރިޕޯޓުގައި 24 ބިލިއަން ޑޮލަރުގެ އަގު ނެރެފައިވަނީ ހުޅުމާލޭގެ މިހާރުގެ ބިމުގެ އެވަރެޖް އަގު ކަމަށްވާ އަކަފޫޓަކަށް 7,500 އަކަފޫޓުގެ ރޭޓުން ރަސްމާލޭގެ މުޅި ބިމަށް ޖަހައިގެން ކަމަށް މުއްތަލިބު ފާހަގަކުރެއްވިއެވެ. ނަމަވެސް 1997 ގައި ހިއްކަން ފެށި ހުޅުމާލޭގެ އަގު އެވަރަށް އުފުލުނީ 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ސަރުކާރުން ކުރި ބޮޑެތި އިންވެސްޓްމަންޓްތަކާއި 2018 ގައި ހުޅުވުނު ސިނަމާލެ ބްރިޖުގެ ސަބަބުން ކަމަށާއި، އަދި އެއްވެސް ހިދުމަތެއް ނެތް ރަސްމާލެއަށް އެ އަގު ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. ރަސްމާލެއާ އަޅާކިޔޭނެ އެންމެ އިންސާފުވެރި ބެންޗުމާކަކީ އަކަފޫޓެއް 1,750 ރުފިޔާއަށް ވިއްކާ ތިލަފުށީގެ ބިން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
އާބާދުކުރާ ސިޓީއެއްގެ މުޅި ބިމަކީ ވިއްކޭނެ ބިންތަކެއް ނޫންކަން ހުޅުމާލޭގެ މާސްޓާ ޕްލޭނަށް އަލިއަޅުވާލައްވައި މިނިސްޓަރު ތަފްސީލުކޮށްދެއްވިއެވެ. ހުޅުމާލޭގެ 1 އާއި 2 ގެ ޕްލޭނުގައި ވިއްކޭނެ ބިމުގެ ގޮތުގައި ހުރީ ހައުސިން، ކޮމާޝަލް އަދި އިންޑަސްޓްރިއަލް ބިން ހިމެނޭހެން މުޅި ބިމުގެ 48 އިންސައްތައެވެ. ބާކީ ބަޔަކީ މަގުތަކާއި، ގްރީން ސްޕޭސް، ސްކޫލްތައް، މިސްކިތްތަކުގެ އިތުރުން ޔޫޓިލިޓީ ހިދުމަތްތަކަށް ހާއްސަކުރެވިފައިވާ ބިންތަކެވެ. އެހެންކަމުން ރަސްމާލޭގެ 500 ހެކްޓަރުންވެސް ވިއްކޭނީ 239 ހެކްޓަރުކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، އެ ބިންތައް ވިއްކުމުގެ ކުރިން ފެނާއި، ކަރަންޓާއި، ނަރުދަމާއާއި މަގުތައް ހެދުމަށް ދައުލަތުން އެކަނިވެސް ކުރިއާލައި 1 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރަންޖެހޭނެއެވެ. ގުޅީފަޅުން ހިއްކި 230 ހެކްޓަރުގެ ބިމަށް ބޭނުންވާ 400 މިލިއަން ޑޮލަރުގެ އިންފްރާސްޓްރަކްޗާ ފައިނޭންސް ނުހޯދިގެން އުޅޭއިރު، ބްރިޖަކުން ގުޅާނުލެވޭ ރަސްމާލެއަށް 1 ބިލިއަން ޑޮލަރު ހޯދުމަކީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރުގެ އަމަލީ ތަޖުރިބާއަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވިއެވެ.
ހަގީގީ ހިސާބުތަކަށް ބަލާއިރު، ދައުލަތުން އަމިއްލައަށް ބިން ވިއްކައިގެން ހިދުމަތްތަކުގެ ހަރަދު އުނިކުރުމުން ލިބޭނީ 1.5 ބިލިއަން ޑޮލަރެވެ. ނަމަވެސް އީގަލް ހިލްސްއާއެކު ވެވުނު ބައިވެރިވުމުގެ ދަށުން، ދައުލަތުން އެއްވެސް ޚަރަދެއް ކުރަންނުޖެހި، 10 އިންސައްތައިގެ ރެވެނިއު ޝެއާގެ ގޮތުގައި 3.1 ބިލިއަން ޑޮލަރު (47.8 ބިލިއަން ރުފިޔާ) ލިބޭނެއެވެ. އަދި ބިން ބަދަލުވާ ކޮންމެ ފަހަރަކު ލިބޭ 4 އިންސައްތައިގެ ފީގެ ގޮތުގައި 1.24 ބިލިއަން ޑޮލަރު (19.12 ބިލިއަން ރުފިޔާ) ގެ އިތުރުން ޖީއެސްޓީ އާއި ޓީޖީއެސްޓީގެ އާމްދަނީ ދައުލަތަށް ލިބިގެންދާނެއެވެ.
މި މަޝްރޫއުގެ އެންމެ ބޮޑު އެއް ފައިދާއަކީ ރަސްމާލެއިން އެކައްޗެއްވެސް ނުވިއްކެނީސް، ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް (3 ކޮޓަރީގެ އެޕާޓްމަންޓް) ޑިވެލޮޕަރުގެ ހަރަދުގައި ކުރިއާލައި އިމާރާތްކޮށްދިނުމެވެ. އަދި 99 އަހަރުގެ ލީސް އުސޫލުން ވިއްކާ މި އިމާރާތްތައް އެހެން ފަރާތަކަށް ބަދަލުވާ ކޮންމެ ފަހަރަކު ސަރުކާރުގެ ހުއްދަ ބޭނުންވާނެއެވެ. މިއީ ބިން އެއްކޮށް ވިއްކާލުމުގެ ބަދަލުގައި، ކޮންމެ ވިޔަފާރިއަކުން ދައުލަތަށް ދާއިމީ ގޮތެއްގައި ފައިދާ ލިބޭނެ ނިޒާމެކެވެ.
އިގްތިސާދީ ގޮތުން ބަލާއިރު، މި މަޝްރޫއުގެ ތެރެއިން 22 ބިލިއަން އެމެރިކާ ޑޮލަރުގެ ސާފު ބޭރުގެ އިންވެސްޓްމަންޓް (އެފް.ޑީ.އައި) ރާއްޖެއަށް ވަންނާނެއެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން 60,000 އަށްވުރެ ގިނަ ވަޒީފާ އުފެދި، މަޝްރޫއު ނިމޭއިރު އަހަރަކު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުން އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަންނާނެ ކަމަށް އިވެލިއުސާވްގެ އިގްތިސާދީ އެސެސްމަންޓުން ދައްކައެވެ.
ރަސްމާލޭގެ މުޅި 1,000 ހެކްޓަރު ހިއްކުމަށް ހިނގަނީ 500 މިލިއަން ޑޮލަރަށްވުރެ ކުޑަ ހަރަދެކެވެ. އަދި ބައިވެރިވުމުގައި ހިމެނޭ 500 ހެކްޓަރު ހިއްކުމުގެ އަގަކީ 250 މިލިއަން ޑޮލަރެވެ. މީގެއިތުރުން ރަސްމާލޭގެ ބާކީ 500 ހެކްޓަރުގެ ބިމަކީ ދިވެހި އާއިލާތަކަށް ހާއްސަކުރެވިފައިވާ ބިމެކެވެ. އެއީ 200,000 އަށްވުރެ ބޮޑު އާބާދީއަކަށް ފުދޭނެ ބިމެކެވެ.
މިނިސްޓަރު މުއްތަލިބު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރަށް އޮތް ހަގީގީ އިހްތިޔާރަކީ 1 ބިލިއަން ޑޮލަރު ދަރަންޏަށް ނަގައިގެން ހިދުމަތް ގާއިމުކޮށް ބިން ވިއްކެންދެން ސަރުކާރުން ބަލަން ތިބުމުގެ ބަދަލުގައި، ވަގުތުން އިގްތިސާދީ ހަރަކާތްތައް ފަށައި، އާންމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، ދައުލަތަށް އާމްދަނީ ލިބޭނެ މަޝްރޫއަކަށް ހެދުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. ބިމަކީ އަމިއްލައަށް އަގުއުފައްދާ އެއްޗެއް ނޫން ކަމަށާއި، އަގު އުފެދެނީ މީހުންނާއި، ހިދުމަތްތަކާއި އިގްތިސާދީ ހަރަކާތްތަކުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.






