ދުބާއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި ކުރިއަށްގެންދާ ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއާއި އަލައްބާރު އަދި އީގަލް ހިލްސް ކުންފުނި ދިފާއުކުރައްވައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަން ފެއްޓެވުމާއެކު، އެމްޑީޕީ ގައުމީ މަޖިލީހުގެ ގްރޫޕު ތެރޭގައި އެމަނިކުފާނާ ދެކޮޅު ފެކްޝަނުގެ އިސް ބޭފުޅުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވަން ފަށްޓަވާފައެވެ.
ދުވާފަރު ދާއިރާގެ ކުރީގެ މެންބަރު އިސްމާއިލް އަހްމަދު ވަނީ، މި މަޝްރޫއާމެދު ޕާޓީގެ ގައުމީ މަޖިލީހުން ދެކޭގޮތް ރަސްމީކޮށް ބަލާލުމަށްޓަކައި ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަންވީ ނޫންތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
މީސްމީޑިއާއަށް ލީކުވެފައިވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި، މި މައްސަލައިގައި ރައީސް ނަޝީދާ އެންމެ ބޮޑަށް ބަހުގެ ހަމަލާތައް ބަދަލުކުރައްވާފައިވަނީ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި މަހްފޫޒު ސައީދެވެ.
މި ބަހުސްގެ ތެރެއިން އަލައްބާރާ ބެހޭގޮތުން މާދަމާ މަޒުމޫނެއް ލިޔުއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، އަކްރަމް ވަނީ ކިތަންމެ ވަރަކަށް ލިޔުއްވި ނަމަވެސް އެންމެ ރަނގަޅު ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ. އޭގެ ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ އަކްރަމް ކުރިއަށް އޮތް ގައުމީ މަޖިލީހަށް ހޮވޭނެ ކަމެއްވެސް އަދި ނޭނގޭ ނޫންތޯއެވެ. ނަޝީދުގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން އަކްރަމް ވިދާޅުވީ، ގައުމީ މަޖިލީހަށް މެންބަރުން ހޮވަނީ ރައީސް ނަޝީދު ކަމެއް އެމަނިކުފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
މީގެއިތުރުން މި ބަހުސްގެ ތެރޭގައި މަހްފޫޒް ސައީދު ވިދާޅުވީ، އީގަލް ހިލްސްއާ ދެކޮޅަށް ޕާޓީގެ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ނުކުމެ ހިންގާ ހަރަކާތްތައް އަދި ކުރިއަށް އޮތީ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް އެއްވެސް ފަރާތަކަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އެހާ ހަނި ނަޒަރަކުން ވިސްނާ ބަޔަކަށް ވެއްޖެނަމަ އެކަމުން ޕާޓީއަށް ގެއްލުން ލިބޭނެ ކަމަށެވެ. އަދި އަލައްބާރު ދަންނަ ޒަޔަނިސްޓުން ތިބެދާނެ ކަމަށާއި، ނަމަވެސް އޭނާގެ މުޅި އަމާޒަކީ ޒަޔަނިޒަމް ކުރިއެރުވުން ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ވަރަށް ހުތުރު ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.




