ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އީގަލް ހިލްސްގެ މަޝްރޫއަކީ "ޔަހޫދީންގެ އަވަށެއް" ކަމަށް ސިފަކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދީނީ އިހުސާސްތައް ސިޔާސީ މަންފާއަށް ނަގައިދެމުންދާތީ، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން އެކަން ކުށްވެރިކުރައްވައި ރައްދުދެއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހްސާން ވިދާޅުވީ، އެ މަޝްރޫއާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލައި، އާންމުންގެ މެދުގައި ބިރުވެރިކަމާއި ނަފްރަތު އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިން ދޭ ތާއީދަކީ ސިޔާސީ ބޭނުންތަކަށް ބޭނުންކުރާ ހަތިޔާރަކަށް ހަދައިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، އެމަނިކުފާނުގެ ވެރިކަމުގައި ނުކުރެވުނު އިންވެސްޓްމަންޓަކާ ގުޅިގެން އުފެދިފައިވާ ސިޔާސީ ނުރުހުން ގައުމީ ތަރައްގީއަށް ހުރަހަކަށް ނުހެދުމަށާއި، ގައުމުގެ ތަރައްގީ ސިޔާސީ ދެބަސްވުންތަކުގެ އަސީރަކަށް ނަހަދާ ޒިންމާދާރު ލީޑަޝިޕެއް ދެއްކެވުމަށް ވަޒީރު ގޮވާލެއްވިއެވެ.
ރައީސް ޔާމީން ވަނީ އީގަލް ހިލްސް ކުންފުންޏަކީ ފޭރިގަންނަ ބައެއް ކަމަށް ސިފަކޮށް، އެ މަޝްރޫއު ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިފަދަ މަޝްރޫއުތަކަކީ ރާއްޖޭގެ އިސްލާމީ ވަންތަކަމާއި ފަލަސްތީނުގެ މައްސަލައާ ފުށުއަރާ ކަންކަމުގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވާފައިވެއެވެ.
ނަމަވެސް، މިނިސްޓަރު އިހްސާން ވަނީ މި ތުހުމަތުތައް މުޅިން ދޮގުކުރައްވާފައެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ކަންބޮޑުވުމެއް ނޫން ކަމަށާއި، ނަމަވެސް ގައުމީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ނުބައި މައުލޫމާތު ފަތުރައި، މުޖުތަމައުގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ޖާގަދީގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ އީގަލް ހިލްސްގެ މަޝްރޫއަކީ ބޭރުގެ އިންވެސްޓްމަންޓްތައް ގެނެސް، އިގްތިސާދީ ފުރުސަތުތަކާއި ބޯހިޔާވަހިކަން ފުޅާކުރުމަށް ސަރުކާރުން އިސްކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ސިޔާސީ ފަރާތްތަކުގެ މެދުގައި މި މަޝްރޫއާ ގުޅޭގޮތުން ހިޔާލުތަފާތުވުންތައް ހުރިއިރު، ސަރުކާރުން ދަނީ މިފަދަ މަޝްރޫއުތަކަކީ ގައުމީ މަސްލަހަތަށްޓަކައި ހިންގޭ މުހިންމު ކަންކަން ކަމުގައި ބަޔާންކޮށް ދިފާއުކުރަމުންނެވެ.





