ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ފަދަ އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫޢުތަކަކީ، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ވިލުންތެރި އިގްތިސާދެއް ބިނާކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި އަދާލަތު ޕާޓީން ބަލައިގެންފިއެވެ.
އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫއުތަކާ ގުޅޭގޮތުން އަދާލަތު ޕާޓީން ނެރުނު ޤަރާރެއްގައި ބަޔާންކޮށްފައިވަނީ، އިސްލާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން މިފަދަ މަޝްރޫއުތައް ރާއްޖޭގައި ތަރައްގީކޮށް ކުރިއަށް ގެންދިއުމަކީ، ގައުމުގެ އިގްތިސާދީ ދުވެލި ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ އިގްތިސާދު އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށްވެސް އެ ޕާޓީން ދެކެއެވެ.
އެހެންނަމަވެސް، މިފަދަ ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި، ބޭރުގެ ފަރާތްތަކުން ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ހާއްސަ ސަރަޙައްދުތަކެއް އުފެއްދުމުގެ ބަދަލުގައި، އެ ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ "ހޮލިޑޭ ހޯމްސް" ފަދަ ވަސީލަތްތައް ތަރައްގީކުރުމަށް މި މަޝްރޫއުތައް އަމާޒުކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި އަދާލަތު ޕާޓީން ވަނީ ފާހަގަކޮށްފައެވެ.
އެ ޕާޓީން އިތުރަށް ބަޔާންކޮށްފައިވަނީ، މިގޮތަށް ކަންކަން ބައްޓަންކުރުމުން ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، އާންމު މަސްލަހަތާއި، ދިވެހި ސަގާފަތުގެ އިތުރުން ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ބުރޫއެރުމެއް ނެތި، އިގްތިސާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރެވިގެންދާނެ ކަމަށެވެ.



