ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ %40 ރަސްމާލެއިން އެކަނި ލިބޭނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު "އަހާ" ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ރާއްޖޭގެ އިގްތިސާދަށް މި މަޝްރޫއު މުހިންމުވާ ސަބަބުތަކާއި، ކުރިއަށް އަންނަން އޮތް ޖީލުތަކަށް މީގެން ލިބޭނެ މަންފާތަކުގެ މައްޗަށް ވަރަށް ތަފްސީލުކޮށް އަލިއަޅުއްވާލެއްވިއެވެ.
ކުރީގެ ސަރުކާރުތަކުން ފަޅުތަކާއި ރަށްތައް ދޫކޮށްފައިވާގޮތަށް އަލިއަޅުއްވާލައްވަމުން މިނސްޓަރ ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުގައި ރަށްތައް ދެމުން އައީ ވަކި އަދަދަކަށް އެނދު ގާއިމުކުރަން މަޖުބޫރުވާގޮތަށް ކަމަށެވެ. ނަމަވެސް، ފަހުން އައި ސަރުކާރުތަކުގައި އެކަން ބަދަލުވެ އިންވެސްޓަރުން ބޭނުންވާ އަދަދަކަށް އެނދު ގާއިމުކުރެވޭގޮތަށް ބަދަލުވެފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން، މާލެ ސަރަހައްދުގައި އޮތް އެންމެ މުހިންމު ރައުސުލްމާލެއް ކަމަށްވާ އެނބޫދޫ ފަޅުގެ 700 ހެކްޓަރު ކުރީ ސަރުކާރުން 40 މިލިޔަން ޑޮލަރަށް ދޫކޮށްފައިވީ ނަމަވެސް، އެތަނުން ދައުލަތަށް އެކަށީގެންވާ މަންފާއެއް ލިބިފައިނުވާކަމަށް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ފަޅުތަކާއި ރަށްތައް ދޫކުރުމުގައި އިގްތިސާދީގޮތުން އެންމެ ބޮޑު މަންފާއެއް ލިބޭގޮތަށް އަމަލުކުރުމުގެ މުހިންމުކަން މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވިއެވެ. އެއްފަހަރާ ލިބޭ މަދު ފައިސާކޮޅަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުރު މުސްތަގުބަލަށް ވިސްނައިގެން މަޝްރޫއުތައް ރޭވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އެގޮތުން، ރަސްމާލެއިން ދޫކުރާ ސަރަހައްދުގައި 8800 ޕްރޮޕަޓީއާއި 30,000 އެއްހާ އެނދު ގާއިމުކުރެވި، ޓޫރިޒަމް ރެވެނިއުގެ ގޮތުގައި އެކަނިވެސް 2 ބިލިޔަން ޑޮލަރާއި ޓީޖީއެސްޓީގެ ގޮތުގައި 340 މިލިޔަން ޑޮލަރު ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕަރޓީތަކަކީ ބޭރުމީހުން ދާއިމީގޮތަކަށް ވަޒަންވެރިވާނެކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރ މުޅިން ދޮގުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އެ ޕްރޮޕަޓީތަކަކީ "ހޮލިޑޭ ހޯމް" ތަކެއްގެ ގޮތުގައި ބޭނުންކުރާނެ ތަންތަން ކަމަށާއި، އެއްވެސް މީހަކު އެތަނުގައި ރަށްވެހިވެގެން ނުދާނެ ކަމަށެވެ. މީގެ ބަދަލުގައި މިތަންތަން ވެގެންދާނީ ދުރު މުސްތަގުބަލުގައި ޒަމާންތަކަކަށް ދައުލަތަށް މާލީ ބޮޑު ފައިދާއެއް ހޯދައިދޭނެ އަގުހުރި ވަސީލަތްތަކަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނިންމާލަމުން މިނިސްޓަރ ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ރީތިކަމާއި ގުދުރަތީ މުއްސަނދިކަން އެންމެ ފުރިހަމަ ގޮތުގައި، ވެއްޓާކުރާނެ ނޭދެވޭ އަސަރުތައް ކުޑަކޮށްގެން ބައްޓަންކޮށްފައިވާ ނަމޫނާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް އައިސް، ގައުމީ އުފެއްދުންތެރިކަމާއި އިގްތިސާދީ ދުވެލި ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.




