ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން މިރޭ މާލޭގައި ބޭއްވި އެއްވުމަށް އާންމުންގެ ފަރާތުން ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ.
ކުރީގެ ރައީސް ޔާމީނާއި، އިމްރާން އަބްދުﷲ އިސްވެ ތިއްބަވައިގެން، "ގައުމީ ހަރަކާތް" މި ނަމުގައި އާޓިފިޝަލް ބީޗުގައި މިރޭ 20:30 ގައި ފެށި މި އެއްވުމުގައި ބައިވެރިވެފައިވަނީ ގާތްގަނޑަކަށް 300 އެއްހާ މީހުންނެވެ.
މި އެއްވުމަކީ ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއު ހުއްޓުވުމަށާއި، އެ މަޝްރޫއާ މެދު ނުރުހުން ފާޅުކުރުމުގެ ގޮތުން ބޭއްވި އެއްވުމެކެވެ. ނަމަވެސް، މަދު ބަޔަކު މި އެއްވުމުގައި ބައިވެރިވުމުން ދޭހަވަނީ، އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމަށްޓަކައި ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް އާންމުންގެ ތާއީދެއް ނެތް ކަމެވެ. އަދި މިއީ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ ތަރައްގީގެ ބިޔަ މަޝްރޫއަށް ގިނަ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތްކަން ހާމަވެގެންދިޔަ ކަމެކެވެ.
ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ފަށާފައިވާ މުހިންމު މަޝްރޫއަކަށް ވާއިރު، އިދިކޮޅު ސިޔާސީ ލީޑަރުން އިސްވެ ތިއްބަވައިގެން މިފަދަ ހަރަކާތްތައް ހިންގަނީ ގައުމީ ތަރައްގީއަށް ހުރަސްއެޅުމުގެ މަގުސަދުގައި ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.





