ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅިގެން ރޭ ބޭއްވި ކުއްލި ބައްދަލުވުމުގަ އެވެ. މި ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން ގަސްދުނުކުރެއްވި ނަމަވެސް، ބައެއް މެންބަރުން އެ މަނިކުފާނުގެ ނަން ގެންނެވުމުން ވާހަކަދައްކަވަން މަޖުބޫރުވީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑު ވިދާޅުވި ކަމަށް އެއްޗެއް ބުނުއްވާ ކަމަށް ވަނީ ވިއްޔާ އަޅުގަނޑަށް ޖެހޭ އެބަ އެއްޗެއް ދަންނަވަން. އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމައަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގައުމީ މަޖިލީހުގެ ޖަލްސާގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް ބޭރު ގައުމުތަކުން އައިސް ރާއްޖޭގައި ވަޒަންވެރިވެގެން އުފެދިފައި އޮތް އާބާދީއެއްގެ "ފަހުރުވެރި ދިވެހި ދަރިން" ކަމަށެވެ. އެގޮތުން، މީގެ 300 އަހަރު ކުރިން ހޯރަފުއްޓަށް އައި ނަވަކުން އެ ރަށުގައި ވަޒަންވެރިވި މީހުންގެ ވާހަކަ ވެސް އެ މަނިކުފާނު މިސާލެއްގެ ގޮތުން ފާހަގަކުރެއްވި އެވެ.
ރޭގެ ބަހުސްގައި ބައެއް މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ، އީގަލް ހިލްސްއަށް ރަސްމާލެ 99 އަހަރަށް ދޭއިރު، އެ މުއްދަތު ހަމަވުމުން ސަރުކާރުން އަމަލުކުރާނެ ގޮތަކާ މެދުގަ އެވެ. އަދި މި މަޝްރޫއުގެ ދަށުން އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވައި، ޒަޔަނިސްޓުންނަށް އެ ފުރުސަތު ފަހިވެދާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ. ނަމަވެސް، ނަޝީދު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި، "ސާބިތު ނުހިފޭ" ކަންކަމުގެ ވާހަކަ މުސްތަގުބަލާ ގުޅުވައިގެން ނުދެއްކުމަށް އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން، މި ގަރާރާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީން މިހާރު ފެންނަނީ ބޭރު މީހުންނަށް ނަފުރަތު ކުރުމުގެ ވިސްނުމާއި ಹަރުކަށި ވަތަނީ ފިކުރުތައް ބަލައިގަންނަމުންދާ ތަން ކަމަށެވެ. އަދި މިއީ ޕާޓީ އުފެއްދި އަސާސްތަކާއި ސިޔާސީ އައިޑެންޓިޓީއާ ހިލާފު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އީގަލް ހިލްސްއާ ދެކޮޅަށް އެމްޑީޕީން ތެދުވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، މި މަޝްރޫއާ ގުޅޭގޮތުން ޕާޓީން ކުރިން ނެރެފައިވާ ބަޔާނުގައިވާ ގޮތަށް ސާބިތުވެ ތިބުމަށް ވެސް މެންބަރުންނަށް ގޮވާލެއްވި އެވެ.
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މަގުމައްޗަށް ނުކުމެ ސީދާ ހަރަކާތް ހިންގުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދެވެ. އެ ގަރާރަށް ތާއީދުކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ.
އެ ގަރާރުގައި ސަރުކާރަށް ނުވަ ކަމަކަށް ގޮވާލާފައިވާއިރު، އޭގެ ތެރޭގައި ރަސްމާލެ މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެއްބަސްވުން ހާމަކުރުމަށާއި، މި މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުން ހިމެނެ އެވެ.





