ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަކީ އަބަދުވެސް ވަކި ހާއްސަ ދަނޑިވަޅުތަކުގައި ފެންމަތިވެވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ނިމުމާ ހަމައަށް، ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 އަށް ހޯމް މިނިސްޓަރުކަން ކުރެއްވުމަށްފަހު، 2023 ގެ ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއާ އެކު އޭނާ ސިޔާސީ މައިދާނާ މުޅިންހެން ދުރުވި އެވެ. ތައިލެންޑުގައި ވިޔަފާރީގެ ކަންކަމުގައި އުޅުއްވި ކަމަށް އަޑުފެތުރުނު ނަމަވެސް، މިހާރު ކުއްލިއަކަށް އަނެއްކާވެސް ފެނިގެންދިޔައީ ސަރުކާރާ ދެކޮޅަށް އެންމެ އަޑުގަދަކޮށް ވާހަކަދައްކަވާ އެއް ލީޑަރެއްގެ ގޮތުގައެވެ.
އިމްރާންގެ މި އެނބުރިއައުމުގެ މައިގަނޑު ހަތިޔާރަކަށް ހެއްދެވީ ރަސްމާލޭގައި ކުރިއަށްގެންދާ "އީގަލް ހިލްސް" މަޝްރޫއެވެ. 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން، ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމުގައި ހޮޓާތަކާއި، ރެޒިޑެންސްތަކާއި، މެރީނާ އަދި އުމްރާނީ ވަޞީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، އިމްރާން ސިފަކުރައްވަނީ މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމީ އުސޫލުތަކަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ. ހާއްސަކޮށް، ބިން ވިއްކުމާއި ވާރުތަވުމުގައި 99 އަހަރުގެ މުއްދަތު އަލުން ގުނަން ފެށޭ ގޮތަށް އޮތް އޮތުމަކީ ބޭރުގެ ނުފޫޒަށް ދޮރުހުޅުވޭ ކަމެއް ކަމަށް ބުނެ، ދީނީ އިލްމުވެރިންނާއި، އިމާމުން އަދި އާންމު ރައްޔިތުން ނުކުތުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އަދި ދީނާއި ގައުމަށް "ހިޔާނާތްތެރިވުމުގެ" ހިތި ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކުރައްވައި އެކްސް މެދުވެރިކޮށް އިންޒާރުގެ ބަސްތައް ވެސް ރައްދުކުރެއްވިއެވެ.
އަނެއްކޮޅުން، ސަރުކާރުން ބަޔާންކުރަނީ މި މަޝްރޫއުގެ ސަބަބުން އެތައް ހާސް ވަޒީފާއެއް އުފެދި، ފަތުރުވެރިކަމާއި ޓެކްސްގެ ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ. އަދި ދައުލަތް ދަރަނިވެރިނުވެ ލިބޭ ބޭރުގެ ސީދާ އިންވެސްޓްމަންޓެއްގެ އިތުރުން، ކޮންޓްރެކްޓަރުގެ ހަރަދުގައި ހުޅުމާލޭގައި ގިނަ އަދަދެއްގެ ހައުސިންގ ޔުނިޓްތައް ބިނާކުރެވޭނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
އިމްރާން ކުއްލިއަކަށް މި ފަދަ ވާހަކަތަކަކާއިގެން ނުކުމެވަޑައިގަތް ވަގުތަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. ތާރީހަށް ބަލާއިރު، އަދާލަތު ޕާޓީއަކީ އަބަދުވެސް ވެރިކަމުގެ ބާރުތަކުގެ ތެރެއިން ވަޒީރުކަން ލިބޭނެ ފަދަ ކޯލިޝަންތަކަށް ވަންނަ ޕާޓީއެކެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީއާ ގުޅިވަޑައިގެން 2015 ގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އައުމަށްފަހު، 2018 ގެ ރިޔާސީ ކާމިޔާބީއާއެކު އެ ހުކުމް ބާތިލްވެ، އޭނާއަށް ހޯމް މިނިސްޓަރުކަން ލިބިވަޑައިގަތެވެ. ނަމަވެސް 2023 ގައި ވެރިކަން ގެއްލި، އަދި 2024 ގެ މަޖިލިސް އިންތިހާބުގައި ހުދު އިމްރާން މަކުނުދޫ ދާއިރާއިން ބަލިވެ، އަދާލަތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ނުލިބުމުން، އޭނާގެ ސިޔާސީ ނުފޫޒު މުޅިން ކެނޑުނެވެ. މިހާރު ޕީއެންސީގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ހަރަކާތްތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި އިމްރާން ފެންމަތިވުމަކީ، ދެން އައިސްދާނެ ސަރުކާރަކުން ވެސް ވަޒީރުކަމެއް ހޯދުމަށް ސިޔާސީ ކާޑެއް ކުޅުއްވުން ކަމަށް ސިޔާސީ މުރާސިލުން ދެކެއެވެ.
އިމްރާން ހޯމް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުގެ ނަޒާހަތްތެރިކަމާމެދު ވެސް ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އެ ދައުރުގެ ކެބިނެޓްގެ މާލީ ބަޔާންތައް ފުރިހަމަނޫން ކަމަށް ބުނެފައިވާއިރު، އިމްރާން ވަނީ ހުޅުމާލޭގެ އަގުބޮޑު ފްލެޓެއް (2.5 މިލިއަން ރުފިޔާގެ) މިލްކުކުރައްވާފައިވާ ކަމަށް ހާމަކުރައްވާފައެވެ. ދިގު މުއްދަތަކަށް ޖަލުގައި ހުންނެވުމަށްފަހު އެފަދަ ބޮޑު މުދަލެއް ގަތުމުގެ މާލީ ތަނަވަސްކަން ލިބުނު ގޮތާމެދު ސުވާލު އުފެދުމުން، އަދާލަތު ޕާޓީން ބުނެފައިވަނީ އެއީ އޭނާގެ ކާފަދަރިންނަށްޓަކައި އަނބިކަނބަލުންގެ ބައްޕަ ގަނެދެއްވި އެޕާޓްމަންޓެއް ކަމަށެވެ.
މީގެއިތުރުން، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު މާފުށީ ޖަލުގެ ހައި-ސެކިއުރިޓީ ވިންގް (ގާތްގަނޑަކަށް 45.5 މިލިއަން ރުފިޔާގެ މަޝްރޫއު) އެޅުމުގައި ހިނގާފައިވާ ބޮޑެތި ހިޔާނާތްތަކެވެ. 2026 ގެ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ މަސައްކަތް ވާދަވެރި ބީލަމަކާ ނުލައި ހަވާލުކުރީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށެވެ. އަދި އެތަނުގައި ހުރި އިމާރާތެއް ތަޅާލައި ސާފުކުރުމަށް ކަމަށް ބުނެ 2.9 މިލިއަން ރުފިޔާ ބިލް އޮފް ކުއަންޓިޓީސް ގައި ހިމަނައި، ފައިސާ ދޫކޮށްފައިވެއެވެ. ނަމަވެސް ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި އެ މަޝްރޫއު ހަވާލުކުރުމުގެ ކުރިން ވެސް އެ ބިމުގައި އެއްވެސް އިމާރާތެއް ނެތެވެ. މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވުމަށް އޮޑިޓަރު ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.
އަދި 2012 ގައި އަނިޔާވެރިކޮށް ގަތުލުކުރެވުނު ޑރ. އަފްރާޝީމް އަލީގެ މައްސަލައިގައި ވެސް އިދިކޮޅުގައި ހުންނަވައިގެން ޔާމީންގެ ސަރުކާރާ ދެކޮޅަށް ސިޔާސީ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއެވެ. ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުގެ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުން އެނގުނު ގޮތުގައި އެ އަމަލަކީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ހިންގި ޖަރީމާއެކެވެ. އަދި ރައީސް ޔާމީނަށް ނުވަތަ އެމްޑީޕީއަށް ސީދާ ސިޔާސީ ގޮތުން އެކަމުގައި އަތެއް އޮތްކަން ރަސްމީ ރިޕޯޓުން ސާބިތެއް ނުވިއެވެ. މިއިން ދޭހަވަނީ ސިޔާސީ މަންފާއަށްޓަކައި ކަންކަން ބޭނުންކުރެއްވުމުގެ ތާރީހެކެވެ.
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ ކަންކަމާއި، ދިގު މުއްދަތަކަށް ބިން ދިނުމުގެ ސިޔާސަތުތަކާމެދު ފާޑުކިޔުމާއި ސުވާލު އުފެއްދުމަކީ ޢާންމު ރައްޔިތުންނާއި އެހެނިހެން ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކުރާ ހައްގު މައްސަލައެކެވެ. ނަމަވެސް، އެތައް ދުވަހަކު ހަނުހުންނެވުމަށްފަހު، ކުރީގެ ވުޒާރާގައި ހިންގި ކޮރަޕްޝަނާއި ކޯލިޝަންތަކުން މަގާމު ހޯއްދެވި ތާރީހު ފަހަތުގައި އޮތް ބޭފުޅަކު ކުއްލިއަކަށް ގައުމީ ވާހަކަތަކާއިގެން ނުކުމެވަޑައިގަތުމުން އުފެދޭ ސުވާލަކީ މިއީ އިހްލާސްތެރި ގައުމީ މަސައްކަތެއްތޯ ނުވަތަ ކުރިމަގުގައި އަންނާނެ ސަރުކާރަކުން އަނެއްކާވެސް ވަޒީރުކަމުގެ ގޮނޑިއެއް ކަށަވަރުކުރުމަށް ކުޅޭ ސިޔާސީ ގޭމެއްތޯ ކުރެވޭ ސުވާލެވެ. ރައްޔިތުން މިއަދު މިފަދަ ކަންކަން ވަޒަންކުރަންވީ، މަޝްރޫއުގެ އިގްތިސާދީ ފައިދާއާއި، ގާނޫނީ ރައްކާތެރިކަމާއި، މިނިވަން މުއައްސަސާތަކުގެ ބެލުމުގެ ދަށުން ކަންކަން ހިނގާ މިންވަރަށް ބަލައި، އެކަމާ ދެކޮޅަށް އެންމެ އިސްކޮށް އަޑުއުފުލާ ފަރާތްތަކުގެ މާޒީގެ ރެކޯޑުތަކަށް ވެސް ފުންކޮށް ވިސްނައި ފިޔަވަޅު އަޅައިގެންނެވެ. ސިޔާސީ މަގާމުތަކާއި އަމިއްލަ މަންފާއަށްޓަކައި ދީނާއި ގައުމިއްޔަތު ޝިއާރަކަށް ހަދައިގެން ނުކުންނަ ސިޔާސީ ކުޅިވަރުތަކަށް ރައްޔިތުން ހޭލުންތެރިވާން ވެއްޖެއެވެ.




