ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލެ ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެ، އެމަނިކުފާނުގެ ސިޔާސީ ފުށުއެރުންތައް ފާޅުވެއްޖެއެވެ. ކުރިން ޔާމީން ވިދާޅުވަމުން ގެންދެވީ ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓްމަންޓްތަކަށް އަބަދުވެސް މަރުހަބާ ކިޔަންޖެހޭނެ ކަމަށެވެ. ނަމަވެސް، މިއަދު އެމަނިކުފާނު މިވަނީ އެ ވިދާޅުވި ބަސްފުޅުތަކަށް އުނބަށް ޖައްސަވައި، މި ބޮޑު އިންވެސްޓްމަންޓާ ދެކޮޅަށް ވާހަކަދައްކަވަން ފައްޓަވާފައެވެ.
ޔާމީން މިފަދައިން ފާޑުވިދާޅުވަމުން ގެންދެވި ނަމަވެސް، އެމަނިކުފާނުގެ އަމިއްލަފުޅު ވެރިކަމުގައި ހިންގަން އުޅުނު ފާފު އަތޮޅުގެ މަޝްރޫއުގެ ވާހަކައެއް މިހާރަކު ނުދައްކަވައެވެ. 2017 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ބޮޑު އިންވެސްޓްމަންޓަކާއެކު ފާފު އަތޮޅުގައި 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އުޅުނު ދުވަސްވަރު، އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅަށް ތެދުވުމުން ޔާމީން ވަނީ އެ މަޝްރޫއު ނުހަނު ބޮޑަށް ދިފާއުކުރައްވާފައެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ހިންގުމަކީ ގައުމުގެ އިގްތިސާދަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، އެ މަޝްރޫއު ނާކާމިޔާބުވުމުގެ ޒިންމާ އޭރު އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައެވެ.
ނަމަވެސް، މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުން، ޔާމީން އެކަމާ ދެކޮޅަށް ވާހަކަދައްކަވަމުން ގެންދަވާތީ ގިނަ ބަޔަކު ދެކެނީ އެއީ ސިޔާސީ ގޮތުން ގޮތްހުސްވެގެން ކުރައްވާ ކަމެއްގެ ގޮތުގައެވެ. ފަތުރުވެރިކަމާއި، ވިޔަފާރި އަދި ބޯހިޔާވަހިކަން ހިމެނޭ މި ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ދަށުން 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދި، އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިކަމާ ގުޅިގެން ސިޔާސީ އަދި ވިޔަފާރިވެރިން ވެސް ވަނީ ފާފު އަތޮޅުގެ މަޝްރޫއުގެ ތަޖުރިބާ ހަނދާންކޮށްދެއްވައި، ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅަށް ސިޔާސީ ކެމްޕޭން ހިންގުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލި ގައުމަށް ނުރައްކާވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް ޑރ. މުއިއްޒު ވަނީ އީގަލް ހިލްސްގެ މަޝްރޫއު ކުރިއަށްދާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރާއްޖޭގެ އެއްވެސް ބިމެއް ބޭރުގެ ބަޔަކަށް މިލްކު ނުކުރެވޭނެ ކަމަށާއި، ދައުލަތުން ސޮވަރިން ގެރެންޓީއެއް ނުދޭނެ ކަމަށާއި، ހާއްސަ ޓެކްސް އިނާޔަތްތަކެއް ނުދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، އެ ތަނުން ބިން ގަންނަ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ރައްޔިތުކަން ނުލިބޭނެ ކަމަށް ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.
އަމިއްލަފުޅު ވެރިކަމުގައި ހިންގަން އުޅުނު މަޝްރޫއު ނާކާމިޔާބުވުމުން އޭރު ދެއްކެވި ވާހަކަތަކުގެ މަތިން ހަނދާން ނައްތާލައްވައި، ރަސްމާލެއަށް އަންނަ ބިޔަ އިންވެސްޓްމަންޓާ ދެކޮޅަށް ޔާމީން ފާޑުވިދާޅުވަމުން ގެންދެވުމަކީ އެމަނިކުފާނުގެ ދެފުށްދެގޮތް ސިޔާސަތު ހާމަވެގެންދާ ކަމެކެވެ.



