މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ލޯނަކަށް ފައިސާ ނުދައްކައިގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ، ކުންފުނީގެ ވެރިން ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކިލަނބުކޮށްލަން ހިންގި "ޖަރީމާއެއް" ކަމަށާއި، ނަމަވެސް ކޯޓުގެ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކައި ހަލާސްކުރައްވާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިކަން ހާމަކުރެއްވީ ސިވިލް ކޯޓުގެ ނަންބަރު CVC-2025-4052 ގަޟިއްޔާއިން ކޮށްފައިވާ ހުކުމާ ގުޅިގެން، އޭނާގެ ދާއިރާގެ މެންބަރުންނަށާއި ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދެއްވުމުގެ ގޮތުން ނެރުއްވި ބަޔާނެއްގައެވެ.
އެމްއައިބީން ޑުޕްލެކްސް ކުންފުންޏަށް ދޫކޮށްފައިވާ 500،000 ޑޮލަރުގެ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ" އަށް އެއްބަސްވި ގޮތަށް ފައިސާ ނުދެއްކުމުން، އެ ބޭންކުން ވަނީ ލޯނަށް ގެރެންޓީ ދިން ފަސް ފަރާތަކާ ދެކޮޅަށް ދައުވާކޮށްފައެވެ. އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޝަމްހީދު ހިމެނިވަޑައިގަންނަވާހެން އެ ފަސް ފަރާތުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 36،647.76 އެމެރިކާ ޑޮލަރާއި، ލޯނަށް ގަވާއިދުން ފައިސާ ނުދައްކާތީ އަރަމުންދާ ޖޫރިމަނާ އަދި ޗެރިޓީ ފައިސާ ދައްކަން ސިވިލް ކޯޓުން ވަނީ އިއްޔެ ހުކުމްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ޝަމްހީދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ ކުރީގެ ރައްޓެހިންތަކަކާ އެކު އޭނާ އުފެއްދެވި ކުންފުންޏެއް ކަމަށެވެ. ނަމަވެސް، ކުންފުނި ހިންގުމުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި، އޭނާ އެ ކުންފުނީގެ ހިންގުމާ ދުރުގައި ހުންނަވާތާ މިހާރު ހަތް އަހަރު ވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ލޯނަކީ އެ ކުންފުނީގެ ބައެއް ހިއްސާދާރުންގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނެއް ކަމަށާއި، އޭނާ އެ ލޯނަށް ގެރެންޓީ ދެއްވީ އެ ބޭފުޅުންނަށް އެހީތެރިވުމުގެ ނިޔަތުގައި ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ، ކުންފުނިން ލޯނު ނުދައްކާކަން އެނގުނު ހިސާބުން ފެށިގެން، ކުންފުނީގެ އިސްވެރިންނާ ވާހަކަދައްކައިގެން އެކަން ހައްލުކުރަން ތަކުރާރުކޮށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުން އެއްބާރުލުން ނުދިނުމުން، އަމިއްލަ ހައިސިއްޔަތުން މިއަދާ ހަމައަށްވެސް ފައިސާ ދައްކަމުން ގެންދެވީ އޭނާ ކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލަ ކޯޓަށް ހުށަހެޅުމުންވެސް ކުންފުނީގެ އިސްވެރިން އެއްވެސް ސަމާލުކަމެއް ނުދީ ޖަވާބުދާރީވެފައި ނުވާ ކަމަށާއި، މި މައްސަލައިގައި ކޯޓަށް ހާޒިރުވާން އެންގުމެއް ނެތި، މައްސަލަ ނިންމިކަން އެންގީ އީމެއިލް މެދުވެރިކޮށް ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.
ޑުޕްލެކްސް ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސައީދުވެސް ހިމެނިވަޑައިގަންނަވައެވެ. ޝަމްހީދާއި އަހްމަދު ސައީދަކީ އެމްޑީޕީއަށް ނިސްބަތްވާ ދެ ބޭފުޅުން ކަމަށް ވިޔަސް، ސިޔާސީ އެކި ސަބަބުތަކާ ހުރެ މިހާރު ދެ ބޭފުޅުންނަކީ ސިޔާސީ ގޮތުން ވާދަވެރި ދެ ފަރާތެވެ.
ކުންފުނީގެ މިހާރުގެ ވެރިން މަސައްކަތް ކުރައްވަނީ އޭނާއާ ސިޔާސީ ގޮތުން ވާދަވެރި ކެންޑިޑޭޓަކަށް ތާއީދުކޮށްގެން ކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ، އަމިއްލަ މަސްލަހަތު ހުރި ކަންކަން ސިޔާސީ ކޮށްގެން އޭނާގެ އަބުރު ނަގާލަން ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި މިއީ އޭނާގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް، ގާނޫނީ ގޮތުން އޭނާގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށްވާތީ، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.





