ސަރުކާރުތައް ބަދަލުވިކަމުގައިވިޔަސް، ދިރާސީ އަހަރު ފަށާ ދުވަސްވަރާއި އެކަޑެމިކް ކަލަންޑަރުގެ އަސާސީ އުސޫލުތައް ގާނޫނުގައި ސަރީހަކޮށް ބަޔާންވެފައި ހުންނަންޖެހޭ ކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ތައުލީމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވެއްޖެއެވެ.
ހުސްނީ ފާހަގަކުރެއްވި ގޮތުގައި، ކުރީ އަހަރުތަކުގައި ސިޔާސީ ބަދަލުތަކާއެކު ޗުއްޓީ ދުވަސްވަރާއި ދިރާސީ އަހަރު ފެށޭ ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުކުރުމުގެ ސަބަބުން، އެ ކަންކަމަށް އެޑްޖަސްޓްވާން ދަރިވަރުންނާއި ބެލެނިވެރިންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހުނެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން ކިޔަވައިދިނުމުގެ މުޅި ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން ސަރުކާރުތަކުން، ވެރިކަން ބަދަލުވެގެންދާ ހާލަތުގައި، ނޫނީ އެނޫން ސަރުކާރަކުން މި ބަދަލުގެންނަންވެގެން، މި އެކަޑެމިކް ކަލަންޑަރާ ކުޅެން ފުރުސަތުދޭކަމަށްވާނަމަ، ގައުމުގެ މުސްތަގުބަލަށް ވަރަށް ބޮޑަށް އަސަރުކުރާނެ. އެހެންވީމާ މި ވެރިކަން- ސަރުކާރުތައް ބަދަލުވިކަމުގައިވިޔަސް، ބައެއް ކަންކަން ކަނޑައެޅި ގާނޫނެއްގައި ބަޔާންކޮށްފަ ހުންނަންޖެހޭނެކަމަށް ބެލެވޭ. އެގޮތުން ދިރާސީ އަހަރު ފަށާ ގޮތާއި، އެކަންކަން ގާނޫނުގައި ކަންޑައެޅިގެން ބަޔާން ކުރުންމީ ރަނގަޅު ބަދަލެއްކަމަށް ފާހަގަ ކުރެވެނީ،"
ހުސްނީ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މައިގަނޑު ބޭނުމަކީ ތައުލީމީ ނިޒާމަށް ސިޔާސީ އޮއިވަރުތަކުގެ ސަބަބުން ބުރޫއެރުން ހުއްޓުވައި، ދާއިމީ ހަމަޖެހުމެއް ގާއިމުކުރުމެވެ. މި ބިލުގައި ހޯމް ސްކޫލިންގެ އުސޫލުތައް ހިމެނުމުގެ އިތުރުން، އެކަޑެމިކް ކަލަންޑަރު ސިޔާސީ ކުޅިބަޔަކަށް ވިޔަނުދީ ގާނޫނުން ހިމާޔަތްކުރުން ހިމެނެއެވެ.
ތައުލީމީ ދާއިރާގެ ކަންކަން ގާނޫނީ ގޮތުން ހަރުދަނާކުރުމަށް ކުރެވޭ މި މަސައްކަތަށް ސަރުކާރާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއުވެސް ތާއީދުކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ދަރިވަރުންގެ ތައުލީމީ ހައްގުތައް ކަށަވަރުކޮށް، އެއްވެސް ކުއްޖަކު ބާކީނުވާނެ ފަދަ އިތުބާރުހުރި ނިޒާމެއް ގާއިމުކޮށްދިނުމެވެ.
އެހެންކަމުން، ދިރާސީ އަހަރު ފެށޭ ދުވަސްވަރާއި ކަލަންޑަރު ގާނޫނުގައި ސާފުކޮށް ކަނޑައެޅިގެން ދިއުމަކީ، ގައުމުގެ މުސްތަގުބަލު ކަމަށްވާ ދަރިވަރުންގެ ކިޔެވުމަށް ސިޔާސީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.





