ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ، އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކުރުމަށް ނިންމާފައެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ ކޮމިޓީ ބައްދަލުވުމުގެ އެހެނިހެން މައްސަލަތައް ބައްލަވައިގަތުމުގެ ތެރެއިން، އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް އަލުން މުރާޖައާކުރުމުގެ މައްސަލަ ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ.
މެންބަރު މަމްދޫހު މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މިންވަރާ އެއްވަރުކުރުމުގެ މަގުސަދުގަ އެވެ. އެގޮތުން، އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި 4,125 ރުފިޔާ ހަމަޖެއްސުމަށް ހުށަހެޅުއްވުމުން، އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ނިންމުން ފާސްވެގެންދިޔައީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި މެންބަރުންގެ އިއްތިފާގުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޝަރުއީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް މިދިޔަ އަހަރު ގެނެވުނު އިސްލާހުތަކާއެކު އުއްތަމަ ފަނޑިޔާރުގެ މުސާރައަކީ 91,000 ރުފިޔާ އެވެ. ނަމަވެސް، މަޖިލީހުގެ ރައީސްގެ މުސާރަ 95,125 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން މީގެކުރިން ނިންމާފައިވާތީ، މިއަދު ކަނޑައެޅުނު 4,125 ރުފިޔާގެ އިތުރު އެލަވަންސާއެކު، އުއްތަމަ ފަނޑިޔާރަށް ޖުމުލަ 95,125 ރުފިޔާ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނެ އެވެ.
މީގެއިތުރުންވެސް، ދައުލަތުގެ އެހެނިހެން މުހިންމު މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކަށް މާލިއްޔަތު ކޮމިޓީން ވަނީ އެކި ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ވަޒީރުންނަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކަށް ބަދަލު ގެނެސް، ޕެޓްރޯލް އެލަވަންސަށް 2,000 ރުފިޔާ، ޑްރައިވަރުންގެ މުސާރައަށް 12,000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3,000 ރުފިޔާ ދިނުމަށް ފާސްކުރެއްވިއެވެ.
އަދި މީގެކުރިން، ލާމަރުކަޒީ ދާއިރާގެ ތެރެއިން ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުންނާއި، ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންނަށް ދެވޭ އިތުރު އިނާޔަތުގެ ގޮތުގައި 5,000 ރުފިޔާ ހަމަޖެއްސުމަށްވެސް މާލިއްޔަތު ކޮމިޓީން ނިންމާފައިވެ އެވެ.






