ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު ވިއްކައި، އެ ކުށުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދެވޭ ގޮތަށް އެކުލަވާލާފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.
މި ބިލުގައިވާ ގޮތުން، ކުށް ސާބިތުވުމުން މުދާ ދައުލަތަށް ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކުގައި ކުށް ސާބިތުނުވަނީސް ވެސް އެފަދަ މުދާ ހިފަހައްޓައި ދައުލަތަށް ނެގޭނެ އުސޫލުތައް ހިމަނާފައިވެއެވެ. އަދި ބިލު ގާނޫނަކަށް ވުމުގެ ކުރިން ކުށްކޮށްގެން ހޯދާފައިވާ މުދަލަށްވެސް މިއުސޫލު ހިނގާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިލުގެ ދަށުން މުދާ ނެގޭނެ 15 ކުށެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ޓެރަރިޒަމާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، ކޮރަޕްޝަނާއި، މަނީ ލޯންޑަރިންގެ އިތުރުން ވަކި އަދަދުތަކަށްވުރެ މަތީގެ ވައްކަމާއި ހިޔާނާތާއި ޓެކްސް ދެއްކުމުން އެއްކިބާވުން ފަދަ ބޮޑެތި ކުށްތައް ހިމެނެއެވެ. މީގެއިތުރުން، ދައުލަތުން ހިފަހައްޓާ މުދާ ބެލެހެއްޓުމަށްޓަކައި މާލިއްޔަތު ވުޒާރާގެ ދަށުން ހިނގާ "އެސެޓް މެނޭޖްމެންޓް އޮތޯރިޓީ" އެއް އުފެއްދުމަށްވެސް ބިލުގައި ވެއެވެ.
މަޖިލީހުގައި މި ބިލަށް ބަހުސްކުރެއްވި މެންބަރުން ވަނީ މިފަދަ ގާނޫނީ އޮނިގަނޑެއްގެ ސަބަބުން ރާއްޖެއިން ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ނައްތާލެވި، ކުށްކޮށްގެން މާލީ މަންފާ ހޯދުން ހުއްޓުވޭނެކަން ފާހަގަކުރައްވާފައެވެ. އަދި އަވަހަށް ހަލާކުވާ ނުވަތަ އަގު ޑިޕްރީޝިއޭޓްވާ މުދާ ބީލަމުގެ އުސޫލުން ވިއްކައި، ލިބޭ ފައިސާއިން އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ދެވޭނެ އިންތިޒާމުތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ.




