ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ އިއްވެވުމަށްފަހު، ރިޔާސަތުން ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވަނީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވަން ނިންމަވާފައިވާތީ އެވެ. އެ ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީ އަލީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. މި ދެ ބޭފުޅުންގެ ތެރެއިން އެ މަގާމަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އިއްޔެ އެވެ. ރައީސް މުއިއްޒު މަޖިލީހަށް ސަމީރުގެ ނަންފުޅު ފޮނުއްވީ ޖޭއެސްސީގެ އެ ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އަލީ ސަމީރަކީ ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން މަދަނީ ކޯޓުގެ އިސްގާޒީކަމުގެ މަގާމު ފުރުއްވުމުގެ އިތުރުން، މާޗު 2011 އިން މެއި 2022 އާ ހަމައަށް އޭނާ ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ. ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސަރުކާރުން ދިން ފްލެޓަކާ ހަވާލުވި ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށް އޭނާ ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.
ހައި ކޯޓުން ވަކިވެވަޑައިގަތުމަށްފަހު، 12 މެއި 2022 ގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ސަމީރު އައްޔަންކުރެވުނެވެ. އަދި 28 އޮކްޓޯބަރު 2024 ގައި އެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު، މިހާތަނަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ އަމިއްލަ ލޯފާމެއްގަ އެވެ.
ތައުލީމީ ފެންވަރަށް ބަލާއިރު، ސަމީރު ވަނީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފަ އެވެ. އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ފުރިހަމަކުރައްވާފަ އެވެ.






