ރާއްޖޭގައި ކުރިއަރަމުން އަންނަ ރިއަލް އެސްޓޭޓް ސިނާއަތް ހަރުދަނާ އުސޫލުތަކެއްގެ ތެރެއަށް ފައްތައި، ގޯއްޗާއި ފްލެޓް ގަންނަ ފަރާތްތަކުގެ ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދޭ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މިއަދު މެންދުރުފަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު، މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މި ބިލު މިހާރު އާންމުކޮށްފަ އެވެ.
މި ބިލު އެކުލަވާލުމުގެ އެންމެ ބޮޑު މަގުސަދަކީ މިހާރު އަމަލުކުރަމުންދާ އިމާރާތް ކުރުމުގެ ގާނޫނު ހަމައެކަނި އެއްމެދު އިމާރާތްތަކަށް ހަނިވެފައި އޮތުމުން މާކެޓުގައި އުފެދިފައިވާ ގާނޫނީ ހުސްކަން ފިލުވައިލުމެވެ. އަދި ޔުނިޓުތައް ގަންނަ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމަށްޓަކައި މުއާމަލާތްތައް މޮނިޓާކުރާނެ ހާއްސަ އިދާރާއެއް އުފެއްދުމެވެ.
ޖުމްލަ 14 ބާބާއި 160 އަށް ވުރެ ގިނަ މާއްދާގެ މައްޗަށް އެކުލެވޭ މި ބިލުގައި ބަޔާންކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ "ޕްރޮޕާޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި ކަމާބެހޭ މިނިސްޓްރީގެ ދަށުން ހިނގާ ވަކި މުއައްސަސާއެއް ގާއިމުކުރުމެވެ. މި އޮތޯރިޓީގެ ސީއީއޯ އައްޔަންކުރައްވާނީ މިނިސްޓަރުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އޮތޯރިޓީގެ މަސައްކަތްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ސީދާ މިނިސްޓަރެވެ. މީގެއިތުރުން ޑިވެލޮޕަރުންނާއި އޭޖެންޓުން ރަޖިސްޓަރީކުރުމާއި، މުދަލުގެ ދަފްތަރު ބެލެހެއްޓުމާއި، އޮޑިޓާ ޖެނެރަލް މެދުވެރިކޮށް ހިސާބުތައް އޮޑިޓްކުރުން ފަދަ ގިނަ ޒިންމާތަކެއް މި އޮތޯރިޓީއަށް މަތިކޮށްފައިވެ އެވެ.
އޮފް-ޕްލޭންކޮށް ނުވަތަ ނުހަދާ ހުންނަ ޔުނިޓުތައް ވިއްކުމުގައި އާންމުންނަށް ލިބޭ ގެއްލުންތައް ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން، ގަންނަ ފަރާތްތަކުން ދައްކާ ފައިސާ ޖަމާކުރަން ޖެހޭނީ ރާއްޖޭގެ ބޭންކެއްގައި ހުޅުވާ ހާއްސަ 'ޕްރޮޖެކްޓް އެސްކްރޯ އެކައުންޓް' އަކަށެވެ. ޑިވެލޮޕަރަށް ފައިސާ ދޫކުރެވޭނީ މަސައްކަތް ކުރިއަށްދާ ނިސްބަތަކުންނެވެ. އަދި މަޝްރޫއު ނިމި، ރަޖިސްޓަރީ ހަވާލުކުރާތާ އެއް އަހަރު ވަންދެން ޖުމްލަ ފައިސާގެ ފަސް ޕަސެންޓް އެ އެކައުންޓުގައި ހިފަހައްޓަން މަޖުބޫރުވާނެ އެވެ. އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް މަޝްރޫއުތައް އިއުލާންކުރުމާއި ވިއްކުން މަނާވާއިރު، ބުކިން ފީގެ ގޮތުގައި ނެގޭނެ އެންމެ މަތީ އަދަދު ގަވާއިދުން ކަނޑައެޅުމާއި، ގަންނަ ފަރާތަށް ޕްރޮވިޝަނަލް ރަޖިސްޓަރީއަކާއި އެސްކްރޯ އެކައުންޓުގެ މައުލޫމާތު ހޯދުމުގެ ހައްގު ކަށަވަރުކޮށްދީފައިވެ އެވެ.
ބޮޑެތި މާސްޓާ ޕްލޭން މަޝްރޫއުތަކަށް ހާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ "އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯން" ތަކާ ބެހޭ އޮނިގަނޑެއް ވެސް ބިލުގައި ހިމެނެ އެވެ. މަދުވެގެން 200 ހެކްޓަރުގެ ބިމާއި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ މިފަދަ ޒޯންތައް ގިނަވެގެން 99 އަހަރަށް ކުއްޔަށް ދޫކުރެވޭއިރު، ލިބޭ ސާފު އާމްދަނީގެ 10 ޕަސެންޓް ދައުލަތަށް ދައްކަން ޖެހެ އެވެ. އަދި މި ޒޯނުތަކުގައިވާ ޕްރޮޕަޓީތައް 99 އަހަރަށް ސެރެންޑާ އެންޑް ރީ-ގްރާންޓް މޮޑެލްގެ ދަށުން ވިއްކޭނެ އެވެ.
ނަމަވެސް ގައުމީ ސަލާމަތާއި ސިޔާދަތު ރައްކާތެރިކުރުމުގެ ގޮތުން، ބޭރުގެ އެއްވެސް ވަކި ގައުމަކަށް މި ޒޯނުގެ 25 ޕަސެންޓަށް ވުރެ ބޮޑު ބައެއް ނުވިއްކޭނެ އެވެ. އަދި ރާއްޖެ އެތެރެވުން މަނާ ފަރާތްތަކަށާއި އިޒްރޭލުގެ ރައްޔިތުންނާއި އެ ގައުމުގެ ހިއްސާ އޮންނަ ކުންފުނިތަކަށް މި ތަންތަނުން ޕްރޮޕަޓީ ގަތުން މުޅިން މަނާވާނެ އެވެ. މީގެއިތުރުން، މި ޒޯންތަކުގެ ސަލާމަތީ ކަންކަން ދިވެހި ސަލާމަތީ ހިދުމަތްތަކުން ބަލަހައްޓާއިރު، ޖުވާކުޅުމާއި އިސްލާމީ ޝަރީއަތާ ހިލާފު އެންމެހައި ކަންކަމާއި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ހެދުން ވަނީ ކަނޑައެޅިގެން މަނާކޮށްފަ އެވެ. ވިއްކާ ކޮންމެ މުއާމަލާތަކުން ހަތަރު ޕަސެންޓުގެ ރަޖިސްޓަރީ ފީއެއް ނެގޭއިރު، އެ ފައިދާއިން އާމްދަނީގެ ޓެކްސް ދައްކާކަށް ނުޖެހޭނެ އެވެ.
އެގޮތުން، މި ގާނޫނުގެ ދަށުން ރިއަލް އެސްޓޭޓް އޭޖެންޓުންނަކީ އުމުރުން 21 އަހަރު ފުރިފައިވާ ދިވެހިންނަށް ވާންޖެހޭ ގޮތަށް ލައިސަންސް ނިޒާމެއް ގާއިމުކުރެވޭނެ އެވެ. ގާނޫނާ ހިލާފުވާ ފަރާތްތައް 100،000ރ. އާއި 1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިދީފައިވާއިރު، މިހާރު ހިނގަމުންދާ މަޝްރޫއުތައް 90 ދުވަހުގެ ތެރޭގައި ރަޖިސްޓަރީކުރަން ޖެހެ އެވެ. އަދި ވިޔަފާރިތަކަށް ލައިސަންސް ނެގުމަށް 180 ދުވަހުގެ މުއްދަތެއް ލިބޭއިރު، ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ.




