ދިވެހިރާއްޖޭގެ ކޯޓަކުން މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ބަޔާންކޮށް، އެ އަދަބު ތަންފީޒުކުރުމާ ގުޅޭ މުހިންމު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ސަރުކާރުން މި ބިލު ހުށަހެޅި މައިގަނޑު ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި، ބައިނަލްއަގުވާމީ ކަމާގުޅޭ އުސޫލުތަކާއި، އާންމު ރައްޔިތުންގެ އަދި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތްކޮށް، ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމެވެ.
މި ބިލުގައި މަރުގެ އަދަބަކީ ކޮބައިކަން ސާފުކޮށްދީފައިވާއިރު، އެއީ ޖިނާއީ ދައުވާއެއްގެ ޝަރީއަތުގައި ކުށް ސާބިތުވެ، އެ ކުށުގެ އަދަބެއްގެ ގޮތުން އެމީހަކު މެރުމަށް ޝަރީއަތުން ކުރާ އަމުރެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ކޯޓުތަކުން މަރުގެ އަދަބު ކަނޑައެޅުމުގައި ޝަރުއީ އަދި ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ފަސް ކަމެއް ބިލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި:
- ކުށްވެރިޔާގެ މައްޗަށް ސާބިތުވި ކުށަކީ މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށް ޤާނޫނުގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ކުށަކަށްވުން.
- ޝަރުއީ ތިން މަރުހަލާ (ދަށު ކޯޓު، ހައިކޯޓު އަދި ސުޕްރީމް ކޯޓު) އިން މައްސަލަ ބަލައި ނިންމާފައިވުން.
- އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތް ހިންގާފައިވުން.
- އަދަބު ކަނޑައެޅޭ މީހާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފުރިހަމައަށް ލިބިދީފައިވުން.
- މީހަކު މެރުމުގެ ކުށެއްގައި ނަމަ، މަރާލެވުނު މީހާގެ ހުރިހާ ވާރިސުން ގިސާސް ހިފުމަށް ބޭނުންވުން (އެއްބަސްވުން).
މީގެއިތުރުން، މަރުގެ އަދަބު ކަނޑައެޅޭ މީހާއަށް ލިބިދޭ ހައްގުތަކާއި، ދައުލަތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތަކުގެ އިތުރުން އަދަބު ތަންފީޒުކުރުން މަނާވާ ހާލަތްތައްވެސް ބިލުގައި ތަފްސީލުކޮށްދީފައިވެ އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އިޖުރާއަތުތައް ފެށޭނީ ސުޕްރީމް ކޯޓުން ނިހާއީ ހުކުމް އިއްވާ ތާރީހުން ފެށިގެން ހަ މަސް ދުވަސް ފުރިހަމަވާ ތާރީހުގައި ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި މި އަދަބު ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ވިލަރެސްކޮށް ބެލެހެއްޓުމަށްޓަކައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ޕެނަލެއް އުފެއްދުމަށްވެސް ވަނީ ހިމަނާފަ އެވެ. މި ޕެނަލުގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިންނެވެ.
މި ޕެނަލްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަދަބު ތަންފީޒުކުރާނެ ތާރީހާއި ވަގުތު ކަނޑައެޅުމާއި، އަދަބު ތަންފީޒުކުރުން ފަސްކުރަންޖެހޭ އެއްވެސް ހާލަތެއް އޮތްތޯ ބަލައި ކަށަވަރުކުރުމާއި، ތަންފީޒުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އިތުރުން މަރުގެ ހުކުމް ތަންފީޒުކުރުމުގެ ހުއްދައިގެ ލިޔުން ތައްޔާރުކޮށް ހުއްދަ ދިނުން ހިމެނެ އެވެ.




