ކައުންސިލަރުންގެ މުސާރައަށް ބަދަލެއް ގެނައުމުން އެމްޑީޕީން ރުޅިއަންނަނީ ރަށްރަށުގެ ކައުންސިލަރުން އިނދަޖައްސާލައި، ނަމެއްގައި ގެންގުޅެން ބޭނުންވާތީ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ، ކައުންސިލަރުންގެ މުސާރަ ކުޑަކަން ފާހަގަކުރައްވައި އެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި މި ސަރުކާރަކީ ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް ގެންނަމުންދާ ސަރުކާރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހް ވިދާޅުވި ގޮތުގައި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މޯގޭޖްކޮށްފައިވާ ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، މީހުން އުޅޭ ގޭގެއާއި ފަޅުރަށްރަށުގެ ދަރަނިތައް ދައްކައި ހަލާސްކޮށް، އިގްތިސާދަށް ހަމަނޭވާއެއް ލެވުނު ވަގުތު ސަރުކާރުން މިވަނީ ކައުންސިލަރުންގެ މުސާރައަށް އެދެވޭ ބަދަލެއް ގެނެސްދީފައެވެ. ކައުންސިލަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންފަދައިން ވަކި ގަޑިއެއްނެތި، ބޮޑު ޕްރެޝަރެއްގައި ރައްޔިތުންނަށް ހިދުމަތްކުރަންޖެހޭ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީން ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދެއްކި ނަމަވެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރަމަޟާން މަހުގެ އިނާޔަތާއި އެހެނިހެން ހައްގުތައް ހޯދައިދިނީ މި ސަރުކާރުން ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި ކައުންސިލަރުންގެ މުސާރައަށް ގެނެވުނު ބަދަލާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވަނީ ރަށްރަށުގެ ކައުންސިލަރުންގެ ހާލަތު ރަނގަޅުވާން އެޕާޓީން ނޭދޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






