ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގްތިސާދު ނާޒުކު ފައްތަރެއްގައި އޮތް ނަމަވެސް، ސަރުކާރުގެ ހިކުމަތު އަމަލީ ސަބަބުން ގައުމު މިހާރު އަމާން އޮމާން ބަނދަރަކަށް ވާސިލްވެފައިވާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން، މިއަހަރަކީ ގިނަ އަދަދެއްގެ ލޯނުތައް ދައްކައި ގައުމު ހަގީގީ މާނައިގައި ހަމައިސްކޮޅަށް ތެދުވެވުނު އަހަރު ކަމަށާއި، ކުރީގެ ސަރުކާރުން ވާރުތަވި 1.3 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ލޯނުގެ ގޮތުގައި ދައްކާފައިވާނެ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު މިއަހަރަށްވުރެ 4.5 ބިލިއަނެއްހާ ރުފިޔާ ކުޑަކުރެވިފައިވާއިރު، އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކޮށްގެން ނޫނީ އިގްތިސާދީ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ.
އެގޮތުން ބަޖެޓުގައި ބޯހިޔާވަހިކަމަށް 3 ބިލިއަން ރުފިޔާ ހާއްސަކޮށް، ގެދޮރު ގަންނަ ފަރާތްތަކަށް ލޯނު އިކުއިޓީގެ ގޮތުގައި 750 މިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުދި ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން ޖީއެސްޓީ ރަޖިސްޓްރޭޝަން ތުރެޝްހޯލްޑް 1.5 މިލިއަން ރުފިޔާއަށް ބަދަލުކޮށް، ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.2 ބިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް ވިދާޅުވަމުން، މި ބަޖެޓަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް މެންބަރު މުންތަޡިމް ވިދާޅުވިއެވެ.






